ޑޮލަރު މާރުކުރާ އުސޫލު ގަބޫލުނުކުރަން ޔާމީނު ގޮވާލެއްވުމަކީ ކުށަކަށް ދައުވަތު ދިނުން: ފަލާހް

ބޭރު ފައިސާ މާރު ކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ގަބޫލު ނުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލެއްވުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލަމެ...

28 Aug 2026 | 17:11
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙު -- ފޮޓޯ: މަޖިލީސް

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙު -- ފޮޓޯ: މަޖިލީސް

ބޭރު ފައިސާ މާރު ކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ގަބޫލު ނުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލެއްވުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ރޭ ފުވައްމަުލަކު ސިޓީގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ އެ ބަދަލުގެ ސަަބަބުން އެންމެ ފުރަތަމަ ދަތިވާނީ ޓޫރިޒަމް އިންޑަސްޓްރީ އަށް ކަމަށެވެ. އެހެންކަމުން އެގޮތް ގަބޫލުނުކުރާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްްރީ (މަޓީ) ފަދައިން ހުރިހާ ރިސޯޓަކުން ބުނަން ކެރެން ޖެހޭ ކަމަށް ޔާމިން ވިދާޅުވި އެވެ.

ޔާމިންގެ ވާހަކަފުޅާއި ގުޅީގެން ފަލާހު މިއަދު އެކްސްގައި ވިދާޅުވީ ޔާމީންގެ އެ ގޮވައިލެއްވުމަކީ ކުށަކަށް ދައުވަތު ދިނުން ކަމަށެވެ. އެއީ ރާއްޖޭގެ ގާނޫނަކާ ހިލާފުވާން ވިދާޅުވުން ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

ޔާމީން އެ މޭޭރުމުން ވާހަކަފުޅު ދެއްކެވުމުން އެމަނިކުފާނުގެ ދަހިވެތިކަމާއި ހަސަދަވެރިކަން ހާމަވާ ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ. މީގެ އިތުރުން ފަހަކަށް އައިސް އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީން ކުރަމުންދާ މަސައްކަތުން ހާމަވަނީ ޔާމީން ދައްކާ ވާހަކަ އާއި އަމަލާ ދިމާނުވާ މިންވަރު ކަމަށްވެސް ވިދާޅުވި އެވެ.

ފަލާޙު ވިދާޅުވީ މިއަދު ވެސް ޔާމީން ފަދަ ހާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަ ހުރި އެކަމާ ގައުމު ވެސް ލަދުވެތިވާ ކަމެއް ކަމަށެވެ. ޔާމީން ދައުލަތުން ވަގަށް ނަގާފައިވާ އެތައް މިލިއަން ޑޮލަރެއް ދައުލަތަށް ހޯދިއްޖެ ނަމަ މިހާރުން މިހާރަށް ޑޮލަރުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޔާމިން ވަނީ ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑޮލަރު ލިބުން ދަތިވުމުގެ މައްސަލައަކީ ގާނޫނަކުން ހައްލުކުރެވޭނެ ކަމެއް ނޫންކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އެ ގޮތަށް އެ ކަން ކުރުމަކީ "ހުދުމުހުތާާރު" ސިފައެއް ކަމަށް ވެސް ވިދާޅުވެފައި އެވެ.

މަޖިލީހުން ފާސްކުރި އިސްލާޙުގައި ވާގޮތުން އޭކެޓަރީގެ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ފޭރު ފައިސާގެ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރު ކުރަން ޖެހެ އެވެ. ކުރިން އެ އަދަދު ހުރީ 20 ޕަސެންޓުގައި އެވެ.

ބުދަ ދުވަހު ގެނައި އިސްލާހަށް އަމަލު ކުރަން ފަށާނީ އެއް މަސް ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް