އެލްނީނޯގެ ބާރު ގަދަވެ ކުރިއަށް އޮތް ތިން މަހު ރާއްޖެއަށް ހޫނު ގަދަވާނެ ކަމަށް ލަފާކޮށްފި

ޕެސިފިކް ކަނޑުގައި އެލްނީނޯގެ ހާލަތު ވަރުގަދަވަމުން ދިއުމާ ގުޅިގެން ސެޕްޓެމްބަރުން ނޮވެމްބަރުގެ ނިޔަލަށް ރާއްޖޭގެ ފިނިހޫނުމިން އާންމު މިންވަރަށް ވުރެ މައްޗަށް ދާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން...

28 Aug 2026 | 11:16
މާލޭ ބޮޑުތަކުރުފާނު މަގު -- ފޮޓޯ: ހައުސިން މިނިސްޓްރީ

މާލޭ ބޮޑުތަކުރުފާނު މަގު -- ފޮޓޯ: ހައުސިން މިނިސްޓްރީ

ޕެސިފިކް ކަނޑުގައި އެލްނީނޯގެ ހާލަތު ވަރުގަދަވަމުން ދިއުމާ ގުޅިގެން ސެޕްޓެމްބަރުން ނޮވެމްބަރުގެ ނިޔަލަށް ރާއްޖޭގެ ފިނިހޫނުމިން އާންމު މިންވަރަށް ވުރެ މައްޗަށް ދާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން އާންމުކުރި ތިން މަހުގެ މޫސުމީ ލަފާކުރުމުގައިވާ ގޮތުން މާލެ އަތޮޅުން ތ. އަތޮޅާ ދެމެދުގެ ސަރަޙައްދަށް އާންމުކޮށް ވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭ ވެހޭނެއެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކުގައި ވާރެއާ ބައްދަލުވާނީ އެހެން ދުވަސްވަރުތަކާ އަޅައިބަލާއިރު މަދު މިންވަރެއް ކަމަށް އެ ލަފާކުރުމުގައި ފާހަގަކޮށްފައިވެއެވެ.

"މީގެ އިތުރުން މުޅި ރާއްޖޭގެ ހޫނުމިން ވެސް އާއްމުކޮށް ހުންނާނީ އާއްމުކޮށް ހުންނަވަރަށް ވުރެ މަތީގައި ކަަމަށް ލަފާކުރެވެ އެވެ" މޫސުމާ ބެހޭ އިދާރާގެ ޕޯސްޓްގައި ބުންޏެވެ.

މެޓް އޮފީހުން ފާހަގަކުރި ގޮތުގައި އެލްނީނޯގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ ކަނޑުގެ ލޮނުގަނޑު އާދަޔާ ޚިލާފަށް ހޫނުވެ ފަރުތަކުގެ ދިރުންތައް ނެތިދިއުމުގެ ބިރު އޮތުމެވެ. ހަމައެއާއެކު ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. ބައެއް ސަރަޙައްދުތަކަށް ވާރޭ ވެހުން މަދުވެ ދަނޑުވެރިކަމަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ ލަފާކުރުމުގައިވެއެވެ.

"މިކަންކަމުން ހާމަވަނީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ރާއްޖެ އޮތް ނާޒުކު މިންވަރެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މުހިއްމު ދާއިރާތަކުން މިފަދަ ބަދަލުތަކަށް ދުރާލާ ތައްޔާރުވެފައި އޮތުމުގެ މުހިއްމުކަން މިކަމުން ދޭހަކޮށްދެ އެވެ" މެޓް އޮފީހުން ބުންޏެވެ.

ނީނޯ 3.4 އިންޑެކްސަށް ބަލާއިރު ޕެސިފިކް ސަރަޙައްދުގެ ކަނޑުގެ ސަތަހައިގެ ހޫނުމިން މިހާރު އާންމު މިންވަރަށް ވުރެ 2.0 ޑިގްރީ ސެލްސިއަސް މައްޗަށް ގޮސްފައިވާ އިރު މި މަހު އެކަނި ވެސް 1.8 ޑިގްރީ ސެލްސިއަސްގެ އިތުރުވުމެއް ރެކޯޑު ކުރެވިފައިވެއެވެ. އެލްނީނޯ އުފެދެނީ ޕެސިފިކް ކަނޑުގައި ކަމުގައި ވިޔަސް ކަނޑާއި ޖައްވުން މިހާރު ފެންނަމުން ދަނީ އެ ހާލަތުގެ ސީދާ އަސަރުތައް ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް