އިސްލާމީ މަރުކަޒު -- ފޮޓޯ: ސޯޝަލް މީޑިއާ
މައިންބަފައިންގެ ރުހުން ހޯދައިފި ނަމަ އެތައް މުޞީބާތަކުން މާތް ﷲ އެ މީހަކު ސަލާމަތްކުރައްވާނެ ކަމަށާއި މައިންބަފައިންގެ ހެޔޮ ދުޢާއަކީ ނުހަނު މުހިންމު ހަތިޔާރެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފި އެވެ.
މިއަދުގެ ޚުތުބާގެ މައުލޫއަކީ "މުޖުތަމަޢު އިޞްލާޙުކުރުން އެންމެންގެ ޒިންމާ" އެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ މައިންބަފައިންނަށް ނުކިޔަމަންތެރިވެ އެ މީހުން މުސްކުޅިވާ ދުވަހު އޯގާތެރިކަމާއި އެހީތެރިކަން ނުދިނުމެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް ﷲ އިންސާނާއަށް ކުރައްވާފައިވާ ވަޞިއްޔަތެއް ކަމަށާއި އެ ވަޞިއްޔަތް ކުރައްވާފައިވަނީ އެ ކަމުގެ މަތިވެރިކަމުގެ ބޮޑުކަމުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
"ކީރިތި ޤުރްއާނުގައި އެތައް މަޤާމެއްގައި މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވައިފައިވޭ. މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް. އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެއް. ސުވަރުގެއަށް ވަނުމުގެ ދޮރެއްވެސް މެ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން ޚުޠުބާގައި ނަންގަނެވުނު ނޭދެވޭ ޢަމަލުތަކުގެ ތެރޭގައި މިސްކިތުގެ ޙުރުމަތް ކެނޑުން ހިމެނެއެވެ. ނަމާދުކޮށް ނިމިގެން މިސްކިތު ދޮރުމަތީ ތިބެ ޣީބަބުނުމާއި ނެތިމޮށުމާއި އަބުރާ ބެހުމާއި ދޮގު ފެތުރުން ފަދަ ކަންކަމަކީ ނަމާދުން ލިބޭ ޘަވާބާއި ރޫޙާނީ ފައިދާ އަމިއްލައަށް ނަގައިލުން ކަމަށް ޚުޠުބާގައި ސިފަކުރެއްވިއެވެ.
ވިޔަފާރީގެ މުޢާމަލާތްތަކާ ގުޅޭ ގޮތުން ޚުޠުބާގައި ވިދާޅުވީ ވިޔަފާރީގައި ތެދުވެރިވުމަކީ ދަރުމަ ބޮޑު އަޅުކަމެއް ކަމަށާއި މަކަރާއި ޙީލަތް ހެދުމާއި ޒަކާތް ނުދެއްކުމާއި މުދާ އިސްރާފުކުރުމުން އެ މުދަލުގައި ބަރަކާތް ނުލެއްވޭނެ ކަމަށެވެ. ޙަރާމް ގޮތުގައި ފައިސާ ހޯދައި ދިރިއުޅުން ބިނާކުރުމުން ނުކުންނަ ނަތީޖާއާ މެދު މީސްތަކުން ޣާފިލުވެފައިވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
"ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ގޮތުން ޙަރާމް އެއްޗެއް ކައިގެން ނުވަތަ ޙަރާމް އެއްޗަކުން ލިބޭ އެއްޗެއް ކައިގެން ހެދިބޮޑުވާ ހަށިގަނޑަކީ ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެއް." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާ ނިންމާލެއްވީ މާތް ﷲ ދެއްވި ނިޢުމަތްތައް ހަނދާންނައްތައިލައި ބޮޑާވެ މުންކަރާތްތަކާއި ފާޙިޝު ކަންކަން ޢާންމުވެއްޖެ ނަމަ އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެ ކަމުގެ އިންޒާރު ދެއްވައި ޢަމަލުތައް ސީދާކުރުމަށް ގޮވައިލައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް