ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ފާސްކުރި ބޭރު ފައިސާގެ ޤާނޫނު ފާސްކުރުމާއެކު ޚާއްސަކޮށް ރިސޯޓް މުވައްޒަފުންގެ ތެރޭގައި އުދާސްތަކެއް އުފެދިގެން ދިޔައެވެ. އެޔާއެކު، މިވަގުތު ޑޮލަރުން މުސާރަ ލި...

28 Aug 2026 | 09:46
އެމެރިކާ ޑޮލަރުތަކެއް ގުނަނީ --

އެމެރިކާ ޑޮލަރުތަކެއް ގުނަނީ --

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ފާސްކުރި ބޭރު ފައިސާގެ ޤާނޫނު ފާސްކުރުމާއެކު ޚާއްސަކޮށް ރިސޯޓް މުވައްޒަފުންގެ ތެރޭގައި އުދާސްތަކެއް އުފެދިގެން ދިޔައެވެ.

އެޔާއެކު، މިވަގުތު ޑޮލަރުން މުސާރަ ލިބޭ ރިސޯޓް މުވައްޒަފުންނަށް ޑޮލަރުގެ ބަދަލުގައި ދިވެހި ފައިސާއަށް ބަދަލުކުރަން އުޅޭކަމުގެ އަޑުތައް ފެތުރިގެން ދިޔައެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނުގައި އޭރުވެސް އަދި މިހާރުވެސް ޑޯލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތެވެ.

ޒަމާނުއްސުރެ އުފެދިފައިވާ ބޮޑު ޑޮލަރުގެ ކަޅު ބާޒާރުގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން މަރުކަޒީ ބޭޏްކުން ވަނީ އެކަން ހައްލުކުރުމަށްޓަކައި ތަންފީޒީ ފިޔަވަޅުތަކެއް ފޮރެކްސް ގާނޫނުގެ ދަށުން އަޅާފައެވެ. އެގޮތުން، ބޭންކުތަކަށް ޑޮލަރު މާރުނުކުރާ ރިސޯޓްތަކުގެ ނަންތައް ޢާއްމުކުރުމުގެ އިތުރުން، ޤާވާއިދާ ޚިލާފުވި ބޭރު ފައިސާ މާރުކުރާ އެކްސްޗޭޏްޖަރެއް ވަނީ ބަންދުކޮށްފައެވެ.

އޭގެއިތުރުން، ޤަވާއިދާ ޚިލާފަށް އަގުބޮޑުކޮށް ޑޮލަރު ވިއްކާ ނަމަ ފިޔަވަޅުތައް ތަންފީޒުކުރާނެކަމަށް ތަންފީޒީ އިދާރާތަކުންވަނީ ހާމަކޮށްފައެވެ.

ބޭންކިންގ ނިޒާމުގެ ތެރެއިން ޑޮލަރު ހޯދައިދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންވަނީ މަސައްކަތްތަކެއް ފަށާފައެވެ. ޑޮލަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ދިވެހިރުފިޔާއިން މުއާމަލާތްކުރުމަކީ މަރުކަޒީ ބޭންކު އުފެދުނީއްސުރެ ގެންގުޅޭ ތަސައްވުރެކެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުދެއްވުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި މިހާރުގެ ގަވަރުނަރު އަހުމަދު މުނައްވަރުވެސް ވަނީ އެކަން ހާމަކުރައްވާފައެވެ. ގަވަރުނަރު މުނައްވަރު ހާމަކުރެއްވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރުވެސް އެގައުމެއްގެ އެތެރޭގެ ބާޒާރުގައި ބޭނުންކުރާނީ އެގައުމެއްގެ ފައިސާކަމަށެވެ.

އެމްއެމްއޭގެ އޮފިޝަލަކު ހާމަކުރި ގޮތުގައި ރާއްޖޭގެ އެތެރޭގައި ކުރާ މުޢާމާލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރާނީ އެކަމަށް ގެންނަންޖެހޭ މެކްރޯ އިސްލާހުތައް ތަންފީޒުކޮށް އެކަމަށް ތައްޔާރުވެ އިޤްތިސާދަށް އަންނަ ބަދަލުތައް ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށަވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް