ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށް، ޤާނޫނު ހަދާ މަޖިލިސްތަކުގެ ގުޅުންތައް ވަރުގަދަކުރަން ޖެހޭ

ބައިނަލްއަޤުވާމީ ޤާނޫނާއި ޕާލިމެންޓަރީ ޑިޕްލޮމަސީ ހަރުދަނާކޮށް ސުލްޙައާއި އެންމެންގެ ތަނަވަސްކަމަށް ގުޅިގެން މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ...

28 Aug 2026 | 05:14
މަޖިލީޙުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މަޖިލީސް

މަޖިލީޙުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މަޖިލީސް

ބައިނަލްއަޤުވާމީ ޤާނޫނާއި ޕާލިމެންޓަރީ ޑިޕްލޮމަސީ ހަރުދަނާކޮށް ސުލްޙައާއި އެންމެންގެ ތަނަވަސްކަމަށް ގުޅިގެން މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ކެމްބޯޑިއާގައި ކުރިޔަށްދާ އައިޕީޔޫގެ ޢާންމު ބަހުސުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ކެމްބޯޑިއާގެ ތަޖުރިބާއިން ފެންނަނީ ލީޑަރޝިޕާއި ޢަޒުމާއި ޞުލްޙަވެރިކަމާއި ސުލްޙައަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމުން ފުން ބައިބައިވުންތައް ހައްލުކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އދ. ގެ ޗާޓަރާއި ބައިނަލްއަޤުވާމީ ޤާނޫނަކީ ދުނިޔޭގެ ސުލްޙައާއި ސަލާމަތުގެ ބިންގާ ކަމަށެވެ.

ޚާއްޞަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސިޔާދަތާއި ސަލާމަތާއި މުސްތަޤުބަލު ރައްކާތެރިކުރުމުގައި އެ އުސޫލުތައް ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.

ޕާލިމެންޓްތަކުގެ ދައުރާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ޕާލިމެންޓަރީ ޑިޕްލޮމަސީއަކީ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް މަޝްވަރާ ކުރިއެރުވައި އެއް ބަޔަކު އަނެއް ބަޔަކު ދެނެގަތުން ވަރުގަދަކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެއް ކަމަށެވެ. ކުރިމަތިލުމާއި ހަމަނުޖެހުމުގެ ބަދަލުގައި މަޝްވަރާއާއި ގުޅިގެން މަސައްކަތް ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގެ ސްޓްރެޓީޖިކް ޙައިސިއްޔަތާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް ވިދާޅުވީ ވިޔަފާރިއާއި މަސްވެރިކަމާއި ފަތުރުވެރިކަން ފަދަ ދިރިއުޅުމުގެ ވަސީލަތްތައް މެދުވެރިކޮށް އެތައް މިލިއަން ބަޔަކަށް ފައިދާ ލިބޭ އެންމެންގެ ދިރިނޫ ކަމަށް ސިފަކުރައްވައި ކަނޑުގެ ސަލާމަތާއި ގުޅިގެން މަސައްކަތް ކުރުން ހަރުދަނާކުރައްވާނެ ކަމަށެވެ.

ތިމާވެއްޓާ ގުޅޭ ގޮތުން ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި ފަރުތައް ހަލާކުވުމާއި ކަނޑު ތަޣައްޔަރުވުމާއި މޫސުމީ ކާރިސާތަކުން ދިރިއުޅުމާއި ޤައުމީ ކެތްތެރިކަމަށް ސީރިއަސް ބިރުވެރިކަމެއް އެބައޮތް ކަމަށާއި އޭގެ ސަބަބުން ހަމަނުޖެހުމަށް މަގުފަހިވެދާނެ ކަމަށެވެ. ކަނޑުގެ ވެށި ޙިމާޔަތް ކުރުމަކީ ތިމާވެށީގެ ޒިންމާއެއް ކަމުގެ އިތުރުން ސުލްޙައާއި ހަމަޖެހުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށް ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅޭ ގޮތުން ޢަބްދުއްރަޙީމް ވަނީ ފުން ކަންބޮޑުވުން ފާޅުކުރައްވައި ހުރިހާ ފަރާތްތަކުން މަޝްވަރާ ކުރިއަށް ނެރެ ވަގުތުން ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ތާއީދުކޮށް ބައިނަލްއަޤުވާމީ ޤާނޫނާ އެއްގޮތަށް ދެމެހެއްޓެނިވި ފުރިހަމަ ސުލްޙައަކަށް މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.

ތަޤުރީރު ނިންމަވައިލައްވަމުން މަޖިލީހުގެ ރައީސް ގޮވާލެއްވީ ބައިބައިވުމުގެ ބަދަލުގައި މަޝްވަރާ ބާރުގެ ބަދަލުގައި ޤާނޫނު ހަމަނުޖެހުމުގެ ބަދަލުގައި ގުޅިގެން މަސައްކަތް ކުރުން އިޚުތިޔާރުކޮށް ސުލްޙައާއި ހަމަޖެހުމާއި އެންމެންގެ ތަނަވަސްކަމުގެ މައްޗަށް ބިނާވެފައިވާ މުސްތަޤުބަލެއް ހޯދުމަށް ޕާލިމެންޓުގެ ލީޑަރުން ގުޅިގެން މަސައްކަތް ކުރެއްވުމަށެވެ. މިއީ ސުލްޙައާއި ގުޅިގެން ހޯދާ ތަނަވަސްކަމާ ބެހޭ ގޮތުން އައިޕީޔޫގެ ޢާންމު ބަހުސުގައި ދެއްވި ތަޤުރީރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް