ޤައުމު ބިނާކޮށް ކުރިއެރުވުމުގައި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން ލިބެންޖެހޭ

ޤައުމު ބިނާކޮށް ކުރިއެރުވުމުގައި ހުރިހާ ދަރަޖައެއްގައި އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން ލިބެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖ...

28 Aug 2026 | 04:55
"ވިލުންތެރި ކަނބަލުން" ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

"ވިލުންތެރި ކަނބަލުން" ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ޤައުމު ބިނާކޮށް ކުރިއެރުވުމުގައި ހުރިހާ ދަރަޖައެއްގައި އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން ލިބެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އެޗްޑީސީއާއި އެމްއައިޓީ ގުޅިގެން ހިންގި "ވިލުންތެރި ކަނބަލުން" ޕްރޮގްރާމުގެ ބައިވެރީންނަށް ސެޓްފިކެޓް ޙަވާލުކޮށް އެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި އަށް ބެޗުން ދަސްވެނިވި 170 އަށްވުރެ ގިނަ ބައިވެރިންނަށް ސެޓްފިކެޓް ދީފައިވެ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއް ބައިކަމަށާއި އެ ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ ޕްރޮގްރާމްތައް ހިންގެންޖެހޭ ކަމަށެވެ.

އެކަމަނާގެ ވާހަކަފުޅުގައި އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ޢަދުލު ޤާއިމުކޮށްދެއްވާފައިވާ ކަމަށާއި އިސްލާމީ ތާރީޚުގައި ދިރިއުޅުމުގެ ތަފާތު މައިދާންތަކުން އަންހެނާގެ ދައުރު ތަމްސީލުކޮށްދީފައިވާ ކަމަށް ހަނދާންކޮށްދެއްވިއެވެ. ރާއްޖޭގެ ތާރީޚަށް ބެލިޔަސް ދިވެހި އަންހެނުންނަކީ ނަސީބުވެރި ބައެއް ކަމަށް ސިފަކުރައްވައި ދިވެހި އަންހެނުންގެ ވިލުންތެރިކަމާއި ހުނަރުވެރިކަން ޤައުމަށް އަބަދުވެސް ބޭނުންވާނެ ކަމުގައި ވިދާޅުވިއެވެ.

"ވިލުންތެރި ކަނބަލުން" ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
"ވިލުންތެރި ކަނބަލުން" ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އަދި ދިވެހީންގެ ހަމަހަމަ ސަގާފަތް ދެމެހެއްޓުމާ އެކު ފިކުރީ ގޮތުންނާއި ޢަމަލީ ގޮތުން ވިލުންތެރި އަންހެނުންތަކެއް ބިނާކުރުމުގެ މި ފުރުޞަތު ވަރަށް ތާރީޚީ ފުރުޞަތެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

"ވިލުންތެރި ކަނބަލުން" ޕްރޮގްރާމަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ އެހެން ފަރާތްތަކަށް ބަރޯސާނުވެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ވަރުގަދަކޮށް ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް