މަރުވެފައިވާ މީހެއްގެ ކަންފަތު މުދި ވަގަށް ނެގި ބަޔަކު ނޭޕާލުން ވަނީ ހައްޔަރު ކޮށްފައި --
ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަޙައްދަށް އެރި ބިރުވެރި ފެންބޮޑުވުމުގެ ހާދިސާގއި މަރުވެ ނާރާޔަނީ ކޯރުން ދަމައިގެން ދިޔަ އަންހެނެއްގެ ހަށިގަނޑުން ރަން ކަންފަތުމުދި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ފެންބޮޑުވެ ދަމައިގެން ގޮސް މަރުވި އަންހެނެއްގެ ހަށިގަނޑުން ރަން ކަންފަތުމުދި ނެގި މަންޒަރު ފެންނަ 41 ސިކުންތުގެ ވީޑިއޯއެއް މީސް މީޑިއާގައި ވައިރަލް ވުމާ ގުޅިގެންނެވެ. ނޭޕާލް ފުލުހުން ވަނީ އެ ވީޑިއޯ ޙިއްސާކޮށް އެ ދެ ފިރިހެނުން ބަންދުގައި ތިބި ކަމަށް ބުނެފައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ލަކުޑި ފިލައާއި އެ އަންހެން މީހާގެ އިސްތަށިގަނޑު ބޭނުންކޮށްގެން ހަށިގަނޑު ފެނުން ނެގުމަށްފަހު ދެ ކަންފަތުން ވެސް ކަންފަތުމުދި ނައްޓައި ވަކިން ބާއްވާ މަންޒަރު ފެނެއެވެ. ވަށައިގެން ގިނަ ބަޔަކު ކޮޅަށް ތިބެ ފޯނުން ވީޑިއޯ ނަގަމުން ގެންދިޔަ ކަމަށެވެ.
ވީޑިއޯއިން ފުލުހުން ދެނެގަތީ ޢުމުރުން 25 އަހަރުގެ މަދަން ގުރުންގް އާއި 38 އަހަރުގެ އުމެޝް ޗައުދަރީ ކަމަށް ނޭޕާލުގެ ޚަބަރުހަބް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ފުލުހުންނާ ހަވާލާދީ އެ ނޫހުން ބުނީ ދެ މީހުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ.
ކާރިސާގެ ދަތި ދަނޑިވަޅުގައި ފެންބޮޑުވުމުގެ ޝިކާރައަކަށްވީ ފަރާތްތައް އަމާޒުކޮށް ފޭރުން ނުވަތަ ލާއިންސާނީ އެއްވެސް ޢަމަލެއް ތަޙައްމަލު ނުކުރާނެ ކަމަށް ނޭޕާލް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ފާއިތުވި އެތައް އަހަރެއް ތެރޭގައި ނޭޕާލަށް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގެ ތެރެއިންނެވެ. ނޭޕާލާއި ޓިބެޓުގެ ބޯޑަރު ސަރަޙައްދަށް އެރި ކުއްލި ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގައި މަރުވި މީހުންގެ އަދަދު 450 އަށް އަރައި 1,400 އަށް ވުރެ ގިނަ މީހުން ގެއްލިފައިވެއެވެ.
ޓިބެޓުގައި ބުދަ ދުވަހު ކިސަޑު ފޭބުމުގެ ސަބަބުން ގިރޮންގް ޕޯޓުގެ ބައިނަލްއަޤުވާމީ ބޯޑަރު ހުރަސްކުރާ ސަރަޙައްދުގައި ހުރި ބައެއް ޢިމާރާތްތައް ފޮރުވި ވެއްޓުނު ކިސަޑުގެ ބޯމިން އެވެރެޖްކޮށް 1.5 މީޓަރު (ފަސް ފޫޓު) އަށް އެރި ކަމަށް ޗައިނާގެ ދައުލަތުގެ ސީސީޓީވީ ޗެނެލުން ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާ ހިނގީ ގަނޑުފެނުގެ ފަރުބަދައަކުން ބައެއް ކޯރެއްގެ ތެރެއަށް ވެއްޓި އެ ކޯރުގެ ފެންގަނޑާއި ކިސަޑު އަދި ހިލައާއި ވެލިތައް އަވަށަށް ފައިބައިގަނެގެންނެވެ.
ވާރޭ ހުއްޓާ ނުލާތީ ދެވަނަ ބުރެއްގެ ބިންގަނޑު ކެނޑުންތައް ކުރިމަތިވެދާނެ ކަމުގެ ބިރު އެ ސަރަޙައްދުގައި އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް