މުޙައްމަދު އިބްރާހީމް (ކުޑޫ) -- ފޮޓޯ: މަޖިލީސް
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އަށް ޖިސްމާނީ ގެއްލުމެއް ދޭން ރާވަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
މައްސަލަ ފުލުހަށް ހުށަހެޅުއްވީ ކުޑޫ އިއްޔެ އެވެ. އޭނާ އެކަން ހާމަކުރެއްވީ މިއަދު އޮތް އެމްޑީޕޫގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
އެ ބައްދަލުވުމެއްގައި ކުޑޫ ވިދާޅުވީ އޭނާއަށް ގެއްލުން ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ ޚަބަރު ލިބިވަޑައިގެންނެވީ އިތުބާރު ހިފޭ ފަރާތެއްގެ ކިބައިން ކަމަށެވެ. އެކަން ފުލުހުންގެ ސަމާލުކަމަށް ގެންނެވީ އިއްޔެ ސިޓީއެއް މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިޓީ ހުށަހެޅިތާ 24 ގަޑިއިރު ވެފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް އަދި ނުލިބޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޝަކުވާ ނުބެލޭ ނަމަ ޢާންމު ރައްޔިތުންގެ ޝަކުވާތައް ބެލޭނެ ދުވަހަކާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވިއެވެ.
ކުޑޫގެ އިތުރުން ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމަށް ހަމަލާދޭން ރާވަމުންދާ ކަމުގެ މައްސަލަވެސް ހުށަހެޅި އެވެ.
ކުޑޫއަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ހަރަކާތްތެރި އިދިކޮޅު މެމްބަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް