ފެންބޮޑުވެ ނޭޕާލަށް ބޮޑެތި ގެއްލުންތައް ލިބިފައިވޭ --
ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ސަރަޙައްދުގައި އިއްޔެ ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގަން މެދުވެރިވީ ގްލޭޝާއެއް ނުވަތަ ބޮޑު ގަނޑުފެން ފަރުބަދައެއްގެ ބައެއް ވެއްޓުން ކަމަށް ސައިންސްވެރިން ބުނެފިއެވެ.
މި ހާދިސާ ހިނގީ ބިންހެލުމަކާއި ގުޅިގެން އެ ސަރަހައްދުގެ ބިންގަނޑު ކަނޑައިގެން ގޮސްގެން ކަމަށް ބެލެވުނެވެ. ނަމަވެސް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ފަހުން ދިރާސާ ކުރުމަށް ފަހު ބުނީ ބެލެވޭ ގޮތުގައި އެ ސަރަހައްދުގައި ހުރި ގަނޑުފެން ފަރުބަދައެއް ނުވަތަ ފަރުބަދައެއްގެ ބައެއް ރޫޅިގެން ވެއްޓުނީ ކަމަށެވެ.
އެ ސަރަހައްދުގެ ވާދީގެ ތިރިއަށް ބޮޑު ގަނޑުފެންގަނޑު ވެއްޓުނު ބާރުމިނުގައި ރިކްޓާ މިންގަނޑުން 5.2 ގެ ލޮޅުމެއް ރެކޯޑު ކުރެވުނު ކަމަށް ޔޫއެސްޖީއެސްގެ ޑާޓާއާއި ސައިންސްވެރިންގެ ދިރާސާތަކުން ދައްކައެވެ.
ޔުނިވާސިޓީ އޮފް ޑަންޑީގެ ގްލޭޝާ ތަޖުރިބާކާރު ޑރ. ސައިމަން ކުކް ބީބީސީއަށް ބުނީ ފެންބޮޑުވި ސަރަޙައްދާ ގާތްގަނޑަކަށް 15 ކިލޯމީޓަރު (ނުވަ މޭލު) ހުޅަނގަށް ލަންގްޓަންގް ލިރުންގް ޕީކް ކައިރީގައި އޮތް ގަނޑުފެނުގެ ފަރުބަދައެއްގެ ތިރީ ބައި ވެއްޓިފައިވާ ކަމަށް އޭނާގެ ޓީމުން ދެނެގެންފައިވާ ކަމަށެވެ. ގަނޑުފެންގަނޑު ވެއްޓި އެ ސަރަހައްދުގެ އުތުރު ހުޅަނގަށް ވެއްޓި ދެން ހުޅަނގަށް ކޯރުގެ މިސްރާބަށް ދަތުރުކުރީ ކަމަށް އޭނާ ލަފާކުރައެވެ.

ބައިނަލްއަޤުވާމީ ސައިންސް މުއައްސަސާއެއް ކަމަށްވާ އިންޓަނޭޝަނަލް ސެންޓާ ފޯ އިންޓެގްރޭޓެޑް މައުންޓެން ޑެވެލޮޕްމެންޓް (އައިސީއައިއެމްއޯޑީ) ގެ ދިރާސާ ދައްކާ ގޮތުން ގަނޑުފެންގަނޑާއި އެކު ކޯރުގެ ތެރެއަށް ބޮޑެތި ހިލައާއި ޗަކަ ވަދެ ކުއްލިއަކަށް ކޯރުގެ ފެންގަނޑު ގަދަ އޮއެއްގައި ތިރިއަށް ދެމިގެން ދިޔައެވެ. އެ ދިރާސާ ބުނާ ގޮތުން ކޯރުގެ ފެންގަނޑު 30 މިނެޓުގެ ތެރޭގައި ހަތެއް ނުވަ މީޓަރު އުފުލި ފައިވެ އެވެ.

ބުދަ ދުވަހު ގަނޑުފެންގަނޑު ވެއްޓެން ދިމާވި ސީދާ ސަބަބު އަދި ސާފެއް ނޫނެވެ. ނަމަވެސް ހިމާލިޔާ ސަރަޙައްދުގެ ގަނޑުފެން ވިރެމުންދާ މައްސަލައާ ގުޅޭ ގޮތުން ސައިންސްވެރިން އެތައް އަހަރެއް ވަންދެން އިންޒާރު ދެމުން ގެންގޮސްފައިވެއެވެ. މި އަހަރު ކުރީކޮޅު އައިސީއައިއެމްއޯޑީ އިން ނެރުނު ދިރާސާއެއް ބުނާ ގޮތުން ހިންދޫ ކުޝް ހިމާލިޔާ ސަރަޙައްދުގެ ގަނޑުފެންތައް 2000 ވަނަ އަހަރުން ފެށިގެން ދެގުނަ ބާރުމިނުގައި ދަނީ ވިރެމުންނެވެ.
ސައިންސްވެރިން ފާހަގަ ކުރާ ގޮތުގައި އިންޑިއާ ސުވިޒަލެންޑް އަދި އިޓަލީގައި ވެސް ގަނޑުފެންގަނޑު ވެއްޓިގެން ފެންބޮޑުވުމާއި ބިންގަނޑު ކެނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު އިންޑިއާގެ ޗަމޯލީ ވާދީގައި ހިމާލިޔާ ގަނޑުފެނުގެ ފަރުބަދައެއްގެ ބޮޑު ބައެއް ވެއްޓި 200 މީހުން މަރުވި ކާރިސާ ހިނގައިފައިވެއެވެ. ހަމަ ނޭޕާލުގެ މި ސަރަޙައްދުގައި ވެސް މިދިޔަ އަހަރު ޓިބެޓްގެ ގަނޑުފެން ލޭކެއް ފެޅިގެންގޮސް ފެންބޮޑުވެފައިވެއެވެ.

ހިމާލިޔާ ސަރަައްދުގައި ގަނޑުފެނުގެ ކާރިސާތައް ފަހަކަށް އައިސް ހިނގާ މިންވަރު އިތުރުވެފައިވާ ކަން ސައިންސްވެރިންގެ ދިރާސާތަކުން ދައްކައެވެ.
އިއްޔެ ނޭޕާލް ޓިބެޓު ގުޅޭ ސަރަހައްދުގައި ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި 1000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައި އެވެ. އޭގެ ތެރޭގައި 500 އަށްވުރެ ގިނަ ޓޫރިސްޓުން ހިމެނެ އެވެ.
މިހާތަނަށް ފެނިފައިވަނީ މަރުވެފައިވާ 165 މީހެއްގެ ހަށިގަނޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް