N/A
އެމްޑީޕީގެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހިސާން ހުސައިން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ހިސާން ވިދާޅުވީ އެ މަގާމަށް އައްޔަންކުރެއްވީ އެއިރުގެ ޕާޓީގެ ރައީސްގެ އިސްނެންގެވުމަށް ކަމަށާއި އެހެންކަމުން އެ މަގާމުގެ މެންޑޭޓް ގުޅިފައި އޮތީ ޕާޓީގެ ރައީސްގެ މެންޑޭޓާ ކަމަށެވެ. ޕާޓީގެ ރައީސް އިސްތިއުފާ ދެއްވި ހިސާބުން އައު މެންޑޭޓެއް ނެތި އެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރެސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހިސާން ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު މިހާރު އޮތް ގޮތުން ނައިބު ރައީސަކީ ޕާޓީގެ އާންމު މެންބަރުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ މަގާމެކެވެ. ނަމަވެސް ހިސާން އެ މަގާމަށް ވަޑައިގެންނެވީ ޕާޓީގެ ރައީސް ނަން ހުށަހެޅުއްވައިގެން އައްޔަންކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
އިސްތިއުފާ އިއުލާނުކުރައްވަމުން ހިސާން ވިދާޅުވީ "ޕާޓީގެ ރަސްމީ މަގާމެއްގައި އަޅުގަނޑު ނެތް ކަމުގައިވީނަމަވެސް ޕާޓީގެ އާންމު މެންބަރެއްގެ ހައިސިއްޔަތުން ޕާޓީގެ ކުރިއެރުމަށާއި މި ޕާޓީއަށް ހިދުމަތް ކުރުމުގައި އަބަދުވެސް ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޕާޓީގެ ލީޑަޝިޕަށާއި އެންމެހައި ލޮބުވެތި މެންބަރުންނަށް އަރުވަމެވެ" ކަމަށެވެ.
ހިސާން ވަނީ އެ މަގާމުގައި ހިދުމަތްކުރެއްވި ދުވަސްވަރު ޕާޓީގެ ހުރިހާ ފަރާތްތަކުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް