ސިންގަޕޫރުގައި މަޖަލަކަށް ހަދައި ފުލުހުންނަށް ހާހަކަށްވުރެ ގިނަ ކޯލު ކުރި މީހަކު ޖަލަށް

ސިންގަޕޫރުގެ އެކި ނެއިބާހުޑް ޕޮލިސް ސެންޓަރު (އެންޕީސީ) ތަކަށް އެއް ހަފުތާ ތެރޭ 1,035 ފަހަރު ގުޅައި ފޯނު ނެގުމުން އެއްވެސް ވާހަކައެއް ނުދައްކައި ހުރި 37 އަހަރުގެ ފިރިހެނަކު 23 ދުވަހަށް ޖަލަށް ލާން އެ ...

27 Aug 2026 | 04:46
N/A

N/A

ސިންގަޕޫރުގެ އެކި ނެއިބާހުޑް ޕޮލިސް ސެންޓަރު (އެންޕީސީ) ތަކަށް އެއް ހަފުތާ ތެރޭ 1,035 ފަހަރު ގުޅައި ފޯނު ނެގުމުން އެއްވެސް ވާހަކައެއް ނުދައްކައި ހުރި 37 އަހަރުގެ ފިރިހެނަކު 23 ދުވަހަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ފޫ ޖިއާ ހޮންގް ނަމަކަށް ކިޔާ އެ މީހާގެ މައްޗަށް ޔިޝުން އެންޕީސީގެ ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ އެއް ދައުވާއަށް އޭނާ ކުށަށް އިއުތިރާފުވެފައިވެއެވެ. އެ ހުކުމް އައީ ބުދަ ދުވަހުއެވެ. ބެޑޮކް އެންޕީސީ ގީލޭންގް އެންޕީސީ އަދި އޭންގް މޯ ކިއޯ ނޯތް އެންޕީސީ އަށް ހަމަ އެ ގޮތަށް ސައިލެންޓް ކޯލް ކުރި ކަމުގެ އިތުރު ތިން ދައުވާ ހުކުމް ކަނޑައެޅުމުގައި ރިއާޔަތްކޮށްފައިވެއެވެ.

ކޯޓުގައި ހާމަވި ގޮތުގައި ފޫ މި ކޯލްތައް ކޮށްފައި ވަނީ އެޕްރީލް 21 އާއި 29 އާ ދެމެދު "މަޖަލަކަށެ"ވެ. ސެކެންޑް ހޭންޑް ފޯނު ކަވަރެއް ގަތްއިރު އޭގައި އޮތް ސިމް ކާޑެއް ބޭނުންކޮށްގެން އޭނާ އެ ކޯލްތައް ކޮށް ފުލުހުން ފޯނު ނެގުމުން ހިމޭނުން ހުރީ ކަމަށް ދައުލަތުން ބުނެފައިވެއެވެ. ޖުމްލަ 1,035 ސައިލެންޓް ކޯލްގެ ތެރެއިން 425 ކޯލް ކޮށްފައި ވަނީ ޔިޝުން އެންޕީސީ އަށެވެ. ދައުލަތުން ފާހަގަކުރި ގޮތުގައި އޭނާގެ އަމަލުގެ ސަބަބުން ފޯނު ލައިންތައް ބްލޮކް ވެ އެހެން ގުޅާ ފަރާތްތައް ކިއޫގައި ތާށިވެފައިވެއެވެ.

މެއި 11 ވަނަ ދުވަހު ފުލުހުން އޭނާގެ ވަނަވަރު ހޯދައި އޭނާ ހައްޔަރުކޮށްފައިވެއެވެ. ދައުލަތުން ކޯޓަށް ހާމަކުރި ގޮތުގައި ފޫ އަކީ ލުއި ފެންވަރެއްގެ ނުކުޅެދުންތެރިކަމާއި އޯޓިޒަމް ސްޕެކްޓްރަމް ހުރި މީހެއް ކަމަށް ވިޔަސް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތުން ދެކޭ ގޮތުގައި އެ ބައްޔާ ކުށާ ގުޅުމެއް ނެތެވެ. ދިފާއީ ވަކީލު ވަނީ ދެ ހަފުތާގެ ޖަލު ހުކުމެއް ދިނުމަށް އެދި 999 އެމެޖެންސީ ނަންބަރަށް ގުޅާފައި ނުވާ ކަން ފާހަގަކޮށްފައެވެ.

ސިންގަޕޫރުގެ ގާނޫނުގެ ދަށުން ސަރުކާރު މުވައްޒަފެއްގެ ރަސްމީ ވާޖިބަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެއްޖެ ނަމަ ގިނަ ވެގެން ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ނުވަތަ 2,500 ޑޮލަރުގެ ޖޫރިމަނާއެއް ނުވަތަ ދެ އަދަބު އެކީގައި ދެވިދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް