ސިޔާސީ ގޮތުން ވާހަކަ ދެކެވުނަސް، ބޭރު ފައިސާގެ މައްސަލަ ހައްލުވެ ނަތީޖާ ފެންނާނެ: ރައީސް

ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބޭރު ފައިސާގެ ދަތިކަން ހައްލުވެ، ނަތީޖާ ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ނޭޝަން ޗެޓް...

27 Aug 2026 | 04:28
"ނޭޝަން ޗެޓް" ޕޮޑްކާސްޓުގަ ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

"ނޭޝަން ޗެޓް" ޕޮޑްކާސްޓުގަ ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބޭރު ފައިސާގެ ދަތިކަން ހައްލުވެ، ނަތީޖާ ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގަ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލަ ސަރުކާރުން ހައްލު ކުރާނީ މަޝްވަރާގެ އުސޫލުން ކަމަށެވެ.

ރައީސް ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު ފެށިގެން އައީ މި ފަހުން ނޫންކަމަށް ވާތީ މައްސަލަ ހައްލުވާން ވަގުތު ނަގާނެ ކަމަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އިގްތިސާދު އޮތީ ބޮޑު އަނދަވަޅެއްގައި ކަމަށާއި ނަމަވެސް ދަރަނިތައް ދައްކަމުން، އިގްތިސާދުގެ ކަންކަން ރަނގަޅު ކުރަމުން ކުރިއަށް ވަޑައިގެންނަމުންދާ ކަމަށެވެ.

މި ޕޮޑްކާސްޓުގައި ރައީސް ވަނީ ބޭރު ފައިސާގެ މައްސަލަތައް ހައްލުކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ ކަމަށާއި، ސިޔާސީ ގޮތުން ވާހަކަތަކެއް ދެކެވުނުކަމުގައިވީނަމަވެސް، ޖުމްލަ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުން ރާއްޖެ އިން ބޭރަށް ބޭރު ފައިސާ ގެންދިއުމާއި ރާއްޖޭގެ ތެރޭގައި ބޭރު ފައިސާ ގެންގުޅުން ފަދަ އެތައް ކަމެއް ހުރީ ވަކި ގޮތަކަށް ބައްޓަން ވެފައި ކަމަށް ވިދާޅުވި އެވެ. މި ސަރުކާރުން އެކަންކަން ރަނގަޅު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށް ވަގުތު ވެސް ނަގާނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ބޭރު ފައިސާގެ ދަތިކަމާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ހައްލު ކުރުމަށް މުހިންމު އިސްލާހުތަކެއް މަޖިލީހަށް ހުށަހަޅާފައި އެވެ. އެ އިސްލާހުތައް އިއްޔެ މަޖިލީހުން ވަނީ ފާސްކޮށްފައި އެވެ.

އެގޮތުން ކަޅުބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތަކަށް ބޮޑު ޖޫރިމަނާއެއް އަންނަ ގޮތަށް ބޭރުފައިސާ އާއި ބެހޭ ގާނޫނަށް އިސްލާޙުގެނައެވެ. އަދި ޓޫޜިޒަމް ދާއިރާގެ އާމްދަނީގެ ތެރެއިން 40 ޕަސެންޓު ބޭރު ފައިސާ އެމްއެމްއޭއަށް މާރު ކުރަން ޖެހޭގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް