އުންމީދަކީ ތިލަމާލެ ބުރިޖުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރު ނިންމުން: ރައީސް

މާލެ ވިލިމާލެ ގުޅީފަޅު އަދި ތިލަފުށި ގުޅައިލާ ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރެއްވުމަކީ އެ މަނިކުފާނުގެ އުއްމީދު ކަމަށް ރައީސް ޑރ...

27 Aug 2026 | 04:13
ތިލަމާލޭ ބްރިޖު -- ފޮޓޯ: ހައުސިން މިނިސްޓްރީ

ތިލަމާލޭ ބްރިޖު -- ފޮޓޯ: ހައުސިން މިނިސްޓްރީ

މާލެ ވިލިމާލެ ގުޅީފަޅު އަދި ތިލަފުށި ގުޅައިލާ ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރެއްވުމަކީ އެ މަނިކުފާނުގެ އުއްމީދު ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2021 ވަނަ އަހަރުގެ އޮގަސްޓް ހިސާބުގައި ފެށި މި މަޝްރޫޢާ މި ސަރުކާރުން ހަވާލުވީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވި ފަހުން ކަމަށެވެ. އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު މާލެއާއި ވިލިމާލެ ގުޅައިލެވިފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ބޮޑުވަޒީރާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމުގައި ވެސް މި މަޝްރޫޢު ކާމިޔާބުކަމާ އެކު ހިންގެވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވި ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނުގެ އިސްނެންގެވުމަށް ދެ ޤައުމުގެ ދެމެދުގައި ބުރިޖުގެ މަސައްކަތް ގާތުން ބެލެހެއްޓުމަށް މަތީ ފެންވަރުގެ ކޮމިޓީއެއް އެކުލަވައިލެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މިނިސްޓަރާއި އެ މިނިސްޓްރީގެ ޓީމުން މަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތް ކުރިއަށް ދިޔައިރު ހަފުތާއަކު އެއް ފަހަރު ސައިޓަށް ވަޑައިގެން މަސައްކަތް ބައްލަވާފައިވާނެ ކަމަށާއި ތިލަމާލެ ބުރިޖުގެ މަސައްކަތް ވެސް ހަމަ އެ ބީދައިން ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެއާއި ވިލިމާލެ ގުޅައިލާ ސުޕާސްޓްރަކްޗާގެ ފަހު ބައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ކާމިޔާބުކަމާ އެކު ބަހައްޓައިފައެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ހިންގާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2022 ވަނަ އަހަރުގެ އޮގަސްޓް ދެ ވަނަ ދުވަހު ފެށީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް