ހުޅުމާލޭ ފޭސް ތިނެއްގައި ސަރުކާރުން އަޅާ ފްލެޓުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މި ސަރުކާރުން ކުރިޔަށް ގެންދާ ފުރަތަމަ ސްކީމަށް އެދުނު ފަރާތްތަކުގެ ތެރެއިން މައުލޫމާތު ފުށޫއަރާ ފޯމުތައް ރަނގަޅު ކުރުމަށް ދޭ މުއްދަތު އިތުރުކޮށްފި އެވެ.
މި ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިދިޔަ ޖޫން މަހު އެވެ. މި ހަފްތާގައި ވަނީ އިވެލުއޭޝަން މަރުހަލާގެ ތެރެއިން މައުލޫމާތު ފުށޫއަރާ ފޯމުތައް ރަނގަޅު ކުރުމަށް އަންގަން ފަށާފައި އެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނީ ރަނގަޅު ކުރަން ހަތް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. ނަމަވެސް މިއަދު އެ މިނިސްޓްރީން ވަނީ އެ މުއްދަތު 21 ދުވަހަށް އިތުރުކޮށްފައި އެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ބަދަލު ގެނައީ ފޯމު ހުށަހެޅި ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ބޭނުމުގައެވެ. ވެރިފިކޭޝަން މަރުހަލާގައި މަޢުލޫމާތުގެ ފުށުއެރުމެއް ނުވަތަ ސައްހަ ނޫން ކަމެއް ފާހަގަވެއްޖެ ނަމަ އެ ކަމެއް ރަނގަޅުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.
ފޯމަށް ގެންނަން ޖެހޭ ބަދަލުތަކާއި އިސްލާހުކުރަން ޖެހޭ ކަންކަމުގެ މަޢުލޫމާތު ޕޯޓަލް މެދުވެރިކޮށާއި އެސްއެމްއެސް މެދުވެރިކޮށް ހުށަހެޅި ފަރާތްތަކަށް އަންގަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ޑިސެމްބަރު މަހު ފްލެޓު ލިބޭ މީހުންގެ ލިސްޓު ނެރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް