ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް
ރިސޯޓުތަކަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ 40 އިންސައްތަ އެމްއެމްއޭއަށް މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާ އާ ބެހޭ ޤާނޫނު އިސްލާޙުކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 47 މެންބަރުން މި ބިލާ އެއްކޮޅަށް ވޯޓު ދެއްވި އިރު 11 މެންބަރަކު ވޯޓު ދެއްވީ ދެކޮޅަށެވެ. މި އިސްލާޙު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސްއެވެ.
މި އިސްލާހުގައިވާގޮތުން ޓޫރިޒަމް ހިދުމަތްދޭ ތަންތަނާއި މާލީ އިދާރާތަކުގެ އިތުރުން 15 މިލިއަން ޑޮލަރަށްވާ ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން އެ އާމްދަނީގެ 40 އިންސައްތަ އެމްއެމްއޭއަށް މާރުކުރުން ލާޒިމުވެއެވެ. ނަމަވެސް ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ ތަންތަނުން މާރުކުރަން ޖެހެނީ މަހެއްގެ ބޭރު ފައިސާގެ އާމްދަނީގެ ހަތް ޕަސެންޓެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ކުރިން ޤާނޫނުގައި 20 ޕަސެންޓުގެ ގޮތުގައި ކަނޑައެޅިފައި އޮތް ނިސްބަތް 40 ޕަސެންޓަށް ބަދަލުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި އިސްލާޙު ތަޞްދީޤުކުރެއްވުމުން ބޭރު ފައިސާ މާރުކުރުމުގެ ނިސްބަތް ދެ ގުނައަށް އިތުރުވެގެންދާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން ލަފާކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް