ހެއިޓީގެ ގޭންގަކުން ހަމަލާދީ 47 މީހަކު މަރާލައި، 50 އަށްވުރެ ގިނަ މީހުން ރަހީނު ކޮށްފި

ހެއިޓީގެ ވެރިރަށް ޕޯޓް-އޯ-ޕްރިންސް ކައިރީގައި އޮންނަ ކެންސްކޮފަށް ގޭންގަކުން ދިން ހަމަލާގައި މަދުވެގެން 47 މީހަކު މަރައި 50 އަށް ވުރެ ގިނަ މީހުން ރަހީނުކޮށް އިތުރު 22 މީހަކު ޒަޚަމްކޮށްލައިފައިވާ ކަމަށ...

26 Aug 2026 | 11:30
ގޭންގު ހަމަލާއި ގުޅިގެން އާންމުން ރުޅިގަދަވެ ސަލާމަތީ ބާރުތަކާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގި --

ގޭންގު ހަމަލާއި ގުޅިގެން އާންމުން ރުޅިގަދަވެ ސަލާމަތީ ބާރުތަކާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގި --

ހެއިޓީގެ ވެރިރަށް ޕޯޓް-އޯ-ޕްރިންސް ކައިރީގައި އޮންނަ ކެންސްކޮފަށް ގޭންގަކުން ދިން ހަމަލާގައި މަދުވެގެން 47 މީހަކު މަރައި 50 އަށް ވުރެ ގިނަ މީހުން ރަހީނުކޮށް އިތުރު 22 މީހަކު ޒަޚަމްކޮށްލައިފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

އޮގަސްޓް 23 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާ ކުށްވެރިކޮށް އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ނެރުނު ބަޔާނުގައި ވަނީ ހެއިޓީގެ ސެކިއުރިޓީ ހާލަތު ނުރައްކާތެރި މިންވަރު މި ހާދިސާއިން ހާމަވާ ކަމަށް ބުނެފައެވެ. ގޭންގުތަކާ ދެކޮޅަށް ހެއިޓީ އާއި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް ވަރުގަދަކުރުން ކޮންމެހެން ބޭނުންވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިހަ އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު ފުރަތަމަ ޢާންމު އިންތިޚާބެއް ބާއްވަން ހެއިޓީން ތައްޔާރުވަމުން ދަނިކޮށް ހިނގި މި ހާދިސާ އަކީ ފާއިތުވި އަހަރުތަކުގައި ހެއިޓީގައި ހިންގި އެންމެ ބޮޑު ގަނޑު ރަހީނުކުރުމުގެ ހާދިސާ ކަމަށް ބެލެވެއެވެ.

ކެންސްކޮފްގެ މޭޔަރު ޖީން މެސިލޯން ބުނީ ހަތިޔާރު އެޅި މީހުން ގެތަކުގައި ރޯކޮށް ރައްޔިތުން މެރީ ހައިޖާނު ފެތުރުވަމުން ކަމަށެވެ. ފައްޅިއެއް އާއި ގެތަކަށް ގޭންގުން ހަމަލާ ދީފައިވާ އިރު މީގެ ތެރޭގައި ހެއިޓީގެ މަޝްހޫރު ޕަބްލިކް ހެލްތު ތަޖުރިބާކާރެއް ކަމަށްވާ ޖީން ވިލިއަމް ޕެޕޭގެ ގެ ހިމެނެއެވެ.

މެސިލޯން ތުހުމަތުކުރި ގޮތުގައި ހަމަލާ ދިނީ ވިވް އަންސާމް ޖަމާޢަތުގެ މެންބަރުންނެވެ. މިއީ މިދިޔަ އަހަރު އެމެރިކާ ސަރުކާރުން ބޭރުގެ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅި ގުރޫޕެކެވެ. ހެއިޓީގައި ހުންނަ އދ. ގެ އޮފީހުން ބުނީ އަނިޔާވި މީހުންގެ ޢަދަދު ބަދަލުވުން އެކަށީގެންވާ ކަމަށެވެ.

ހެއިޓީ ސަރުކާރުން މި ހާދިސާ ސިފަކުރީ "ނުބައި ނުލަފާ ހަމަލާ" އެއްގެ ގޮތުގައެވެ. ނަމަވެސް ރައްޔިތުން ދަނީ ޕޮލިސް ސްޓޭޝަނާ ކައިރީގައި ހިނގި ޙާދިސާގައި ފުލުހުން ރައްޔިތުން ހިމާޔަތް ނުކުރި ކަމަށް ބުނެ ފުލުހުންގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް