ނޫސްވެރިޔާ ޒިދާންގެ ފުރަތަމަ ފޮތް "ވާވެރިންގެ ވާދޫ" ވަނީ ނެރެފައި -- ފޮޓޯ: ޒިދާން މުހައްމަދު
ލިޔުންތެރިޔާ އަދި ނޫސްވެރިޔާ ޒިދާން މުޙައްމަދު (ލިޔާ ކުއްޖާ) ލިޔެފައިވާ އޭނާގެ ފުރަތަމަ ފޮތް، "ވާވެރިންގެ ވާދޫ" ރަސްމީކޮށް ނެރެ ލޯންޗުކޮށްފިއެވެ.
މި ފޮތް ލޯންޗުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. "ވާވެރިންގެ ވާދޫ" މިއީ ޒިދާންގެ އުފަން ރަށް ކަމަށްވާ ރ. ވާދޫގެ މައްޗަށް ބިނާކޮށް ލިޔެފައިވާ، އޭނާގެ އަދަބީ ޙަޔާތުގައި ކުރެވުނު ވަރަށް ޚާއްޞަ އަދި އަގުހުރި މަސައްކަތެކެވެ.
މި ފޮތް ލިޔުމުގެ މައިގަނޑު މަޤްޞަދަކީ ވާދޫގެ މުއްސަނދި ތާރީޚާއި، ސަގާފަތާއި، އާދަކާދަތަކުގެ އިތުރުން ރަށުގެ މުހިންމު މަޢުލޫމާތުތައް އަންނާން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމެވެ. އަދި މިއީ ދަތި އުނދަގޫ ޙާލަތްތަކުގައި ރަށް އާރާސްތުކުރުމަށް މަސައްކަތްކުރި އެ ރަށުގެ ޤަދީމީ ކާބަފައިންގެ ޒިކުރާ އާކޮށް، އެ ފަރާތްތަކަށް އަދާކުރި ޝުކުރާއި އިޙްތިރާމުގެ ވެދުމެއްވެސް މެއެވެ.
ޒިދާން ބުނި ގޮތުގައި، ވާދޫގެ ޤުދުރަތީ ރީތިކަމާއި އަމިއްލަ ފަސްގަނޑަށް އޮތް ފުން ލޯތްބަކީ މިފަދަ ފޮތެއް ލިޔުމަށް އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. ފުރަތަމަ ފޮތެއްގެ ގޮތުގައި އަމިއްލަ ރަށުގެ ތާރީޚާއި ސަގާފަތް އިޚްތިޔާރުކުރުމުން ދޭހަވަނީ ޒިދާންގެ ހިތުގައި އަމިއްލަ ވަޒަނާމެދު އޮތް ޚާއްޞަ ޤަދަރެވެ.
ލިޔުންތެރިކަމުގެ ދާއިރާއަށް ޒިދާންގެ ޝައުޤުވެރިކަން އުފެދުނީ އުމުރުން އެންމެ 13 އަހަރުގައި ސްކޫލް ދައުރުގައެވެ. ނަމަވެސް، ރަސްމީކޮށް ލިޔުންތެރިއެއް އަދި ނޫސްވެރިއެއްގެ ގޮތުގައި އޭނާ މަސައްކަތް ފެށީ 2017 ވަނަ އަހަރުގައެވެ. ނޫސްވެރިކަމުގެ ތެރެއިން ހޯދި ތަޖުރިބާއާއި މަޢުލޫމާތު އެއްކުރުމުގެ ހުނަރުގެ އެހީގައި މި ފޮތް އެކުލަވައިލިއިރު، ޒިދާންއަކީ ޚަބަރާއި ރިޕޯޓުގެ އިތުރުން ޅެން، ލަވަ، ރައިވަރު، ބަނދި އަދި ކުރުވާހަކަ ލިޔުމުގައިވެސް ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ.

ޒިދާން އިތުރަށް ފާހަގަކުރި ގޮތުގައި، އޭނާގެ މައިގަނޑު އަމާޒަކީ ގަލަމުގެ ދެލިން މުޖުތަމަޢަށް ފައިދާހުރި މެސެޖުތަކެއް ފޯރުކޮށްދީ، ދިވެހިބަހާއި އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދިނުމެވެ. އަދި ތަފާތު ދާއިރާތަކުން ކިޔުންތެރިންނަށް ބޭނުންތެރި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން ދެމުން، ކިޔުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ ކުރިއަށްދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން އޭނާ ބަޔާންކުރިއެވެ.
"ވާވެރިންގެ ވާދޫ" ވެގެންދާނީ ވާދޫގެ ރައްޔިތުންގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތަށް ލޯބިކުރާ ކޮންމެ ފަރާތަކަށްވެސް ލިބިގެންދިޔަ އަގުހުރި ޢިލްމީ ހަދިޔާއަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް