މައުރޫފް ޒާކިރު -- ފޮޓޯ: މަޖިލީސް
ރިސޯޓުތަކުގެ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ އެމްއެމްއޭ މެދުވެރިކޮށް މާރުކުރަން ލާޒިމުކުރާ ސަރުކާރުގެ ނިންމުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ނިންމެވީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. ސަލީމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ގޮތުން ކުއްލި މައްސަލައެއް ހުށަހެޅެނީ މަޖިލީހުގައި މިހާރު ހިނގަމުންދާ ބިލެއް ނުވަތަ މައްސަލައެއްގެ ބަހުސާ ގުޅޭ މައުލޫއެއް ކަމުގައި ނުވާ ނަމައެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނު އިސްލާހުކުރުމުގެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހަމަ އެ ޖަލްސާގެ އެޖެންޑާގައި ހިމެނިފައި އޮތުމުން ކުއްލި މައްސަލަ ބަލައިގަތުމާ ގަވާއިދު ދެކޮޅު ހަދާ ކަމަށް ރިޔާސަތުން ކަނޑައެޅުއްވީއެވެ.
މެންބަރު މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވާ ގޮތުން މިހާރު ޢަމަލުކުރާ އުސޫލުގައި ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ލާޒިމުވާއިރު އެ ނިސްބަތް 40 އިންސައްތައަށް މަތިކުރުމަކީ ފަތުރުވެރިކަމުގެ ދާއިރާއާއި މުޅި އިޤުތިޞާދަށް ބޮޑެތި ލޮޅުންތައް އަރާނެ ފިޔަވަޅެއް ކަމަށެވެ. އެއާ އެކު ޑޮލަރު މާރުކުރަން ދީފައި އޮންނަ މުއްދަތު ތިން މަހުން އެއް މަހަށް ކުރުކުރުމާއި ބޭންކުތަކަށް މާރުނުކުރާ ފައިސާ ޚަރަދުކުރާ ގޮތް ބެލޭނެ އުސޫލުތައް ހެދުމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ހާމަކުރައްވާފައިވާ ކަންވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ 146 ރިސޯޓު ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިންވެސް ވަނީ އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ ޢަމަލީ ގޮތުން ކުރެވޭނެ އަދި ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބުނެފައެވެ. ރިސޯޓުތަކުން ތެލާއި މުވައްޒަފުންގެ މުސާރައާއި ޚިދުމަތުގެ ޗާޖާއި ޓެކުހުގެ އިތުރުން ބޭރުގެ ބޮޑެތި ލޯނުތައް ޑޮލަރުން އަދާކުރަންޖެހޭއިރު ދާއިރާގެ ފަރާތްތަކާ އެއްވެސް މަޝްވަރާއެއް ނެތި މި ބަދަލު ގެނައުމަކީ ބޮޑު ބޭއިންސާފެއް ކަމަށް މައުރޫފްގެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލާފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް ދެމެހެއްޓެނިވި އިންސާފުވެރި ހައްލެއް ހޯދުމަށެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން އެ މައްސަލަ ބޭރުކޮށްލާފައިވާއިރު ބޭރު ފައިސާގެ ޤާނޫނަށް ގެންނަ އިސްލާހުގެ ބިލުގެ ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް