މަޖިލީހުގެ ރައީސް އަބްދުއްރަހީމް ކެމްބޯޑިއާއަށް ފުރާވަޑައިގެންފި

ދެވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައިއެސްސީ)ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ކެމްބޯޑިއާގެ ފްނޮމް ޕެންއަށް ފުރާވަޑައިގެންފިއ...

26 Aug 2026 | 04:35
ކެމްބޯޑިއާއަށް ވަޑައިގެންނަވާ މަޖިލީހުގެ ވަފުދު އެއާޕޯޓުގައި -- ފޮޓޯ: މަޖިލީސް

ކެމްބޯޑިއާއަށް ވަޑައިގެންނަވާ މަޖިލީހުގެ ވަފުދު އެއާޕޯޓުގައި -- ފޮޓޯ: މަޖިލީސް

ދެވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައިއެސްސީ)ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ކެމްބޯޑިއާގެ ފްނޮމް ޕެންއަށް ފުރާވަޑައިގެންފިއެވެ.

މި ކޮންފަރެންސް ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަޤުރީރު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއެވެ. އެ މަނިކުފާނު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މައުޟޫޢަކީ "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" އެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިނާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.

މީގެ އިތުރުން މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކާއި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

އައިއެސްސީއަކީ ޞުލްޙައާއި ބައިނަލްއަޤުވާމީ ޤާނޫނީ ނިޒާމު ވަރުގަދަކުރުމާއި ހަމަނުޖެހުންތައް ޙައްލުކުރުމުގެ އިތުރުން ގުޅިގެން ތަރައްޤީ ކުރިއެރުވުމާ ގުޅޭ ގޮތުން ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން މަޝްވަރާކުރައްވާ ބައިނަލްއަޤުވާމީ ފެންވަރުގެ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް