އިޒްރޭލު ސިފައިންތަކެއް ފަލަސްތީނުގެ ރައްޔިތުންނަށް ބަޑިން ބިރު ދައްކަނީ --
އިސްތިއުމާރީ އިސްރާއީލުގެ ސިފައިން އިރުމަތީ ޤުދުސްގެ އުތުރުގައި އޮންނަ ޤަލަންދިޔާ ރެފިއުޖީ ކޭމްޕުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގައި ފަލަސްޠީނު ރައްޔިތުންގެ ޢިމާރާތްތައް ތަޅައިލުމުގެ އިންޒާރު ނެރެފިއެވެ.
ޤުދުސް ގަވަރުނަރޭޓުން ނެރުނު ކުރު ބަޔާނެއްގައި ބުނީ ޤަލަންދިޔާ ކޭމްޕުގެ މަތާރު މަގުގައި ހުރި ޢިމާރާތްތައް ބިމާ ހަމަކުރުމުގެ ނޯޓިސް ދެމުންދާ ކަމަށެވެ. އެ ބަޔާނުގައި އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ.
ބަޔާން ނެރުނު ދުވަހު އިސްރާއީލު ސިފައިން ކަފުރު ޢަޤަބު އަވަށާއި ޤަލަންދިޔާ ކޭމްޕަށް ގިނަ ޢަދަދެއްގެ ސިފައިންނާއި އަސްކަރީ އުޅަނދުތަކާ އެކު ވަދެ ފަލަސްޠީނު ރެފިއުޖީންނާ ބެހޭ އދ. ގެ އެޖެންސީ (އަންރާ) ގެ ޤަލަންދިޔާ ޓްރެއިނިން ސެންޓަރުން މުވައްޒަފުން ބޭރުކޮށް ފަލަސްޠީނު ރައްޔިތުންގެ ޢިމާރާތްތައް ތަޅައިލުމުގެ ނޯޓިސް ނެރެފައިވެއެވެ.
ފަލަސްޠީނުގެ ވަފާ ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން ގްވީރް އަންރާގެ އެ މަރުކަޒަށް ވަދެ "އެ ޢިމާރާތް ހުސްކުރުމުގެ އޮޕަރޭޝަން" ފެށިކަން އިޢުލާނުކުރި ކަމަށެވެ.
ބެން ގްވީރް ބުނީ "ޤުދުސާއި އިސްރާއީލުގައި ރެފިއުޖީ އެޖެންސީއަށް ޖާގައެއް ނެތް" ކަމަށެވެ.
އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފާސްކުރި ޤާނޫނަކުން އެ ޤައުމުގެ ހުދޫދުގެ ތެރޭގައި އަންރާ ހަރަކާތްތެރިވުން މަނާކޮށް އެ ޖަމާޢަތުގެ ޚާއްޞަ އިމްތިޔާޒުތައް އުވައިލައި ރަސްމީ ގޮތުން އެ އެޖެންސީއާ މުޢާމަލާތުކުރުން ހުއްޓައިލާފައިވެއެވެ.
އެ ޤާނޫނަށް މިދިޔަ އަހަރުގެ ކުރީކޮޅު ޢަމަލުކުރަން ފެށިއެވެ. މި މަހުގެ ކުރީކޮޅު ވެސް އިސްރާއީލު ސިފައިން ކަފުރު ޢަޤަބާއި ޤަލަންދިޔާ ކޭމްޕުގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޝަނެއް ހިންގައި ގެތަކަށް ވަދެ ފަލަސްޠީނު ރައްޔިތުން ހައްޔަރުކޮށް ބައެއް ގެތައް އަސްކަރީ މަރުކަޒުތަކަށް ބަދަލުކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރުގައި އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ގަތުލުޢާންމު ފެށި ފަހުން ހިފާފައި އޮތް ހުޅަނގު އައްސޭރިފަށުގައި އިސްރާއީލު ސިފައިންގެ ރެއިޑުތަކާއި ޔަހޫދީ ވަޒަންވެރިންގެ ހަމަލާތައް ދަނީ އިތުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް