ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހުމުން ނުރައްކާތެރި ނަތީޖާތައް ނުކުމެދާނެ: ނަޝީދު

ރިސޯޓުތައް ހިންގާ ފަރާތްތަކުން ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކުން މަޖުބޫރުކުރުމަކީ އިޤުތިޞާދަށް ބޮޑެތި ގެއްލުންތައް ލިބިދާނެ ސިޔާސަތެއް ކަމަށް...

25 Aug 2026 | 11:49
ކުރީގެ ރައީސް މުހައްމަދު ނަޝީދު --

ކުރީގެ ރައީސް މުހައްމަދު ނަޝީދު --

ރިސޯޓުތައް ހިންގާ ފަރާތްތަކުން ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކުން މަޖުބޫރުކުރުމަކީ އިޤުތިޞާދަށް ބޮޑެތި ގެއްލުންތައް ލިބިދާނެ ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގަވަރުނަރު އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވީ އެމްއެމްއޭއަށް ޑޮލަރު މާރު ކުރަން ޖެހޭގޮތަށް މިހާރު ޤާނޫނުގައި 20 އިންސައްތައިގެ ގޮތުގައި ކަނޑައެޅިފައި އޮތް ނިސްބަތް 40 އިންސައްތައަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ނަޝީދު އެކްސްގައި ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ ޑޮލަރުން ދައްކަންޖެހޭ ބޮޑެތި ލޯނު އެކުލެވޭ ތަންތަނެވެ. އެ ތަންތަނަކީ ބޮޑު ބައެއް ބޭންކު މެދުވެރިކޮށް ދަރަންޏަށް ނެގި ފައިސާއިން ބިނާކޮށްފައިވާ ބޭރުގެ އިންވެސްޓަރުންގެ މިލްކިއްޔާތެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ޝައުޤުވެރިވާ މައިގަނޑު ސަބަބަކީ ވާދަވެރި ފައިދާ ލިބޭނެ ކަމުގެ ޔަޤީންކަން ކަމަށެވެ.

މި ފަދަ ސިޔާސަތެއް ތަންފީޒުކުރާނަމަ ރިސޯޓުތަކަށް ލިބޭ ނަފާ ދަށްވެ ބޭރުގެ ފަރާތްތަކުގެ އިތުބާރު ގެއްލުމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ ދިގު ރާސްތާ ހަމަޖެހުމަށް ނުރަނގަޅު އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް