އިޒްރޭލުގެ އިސް މީޑިއާ އޮފިޝަލަކު ދޮގު ޚަބަރު އުފައްދާ ކަމަށް އެއްބަސްވެފައިވޭ --
އިސްތިއުމާރީ އިޒްރޭލުގެ މުވާޞަލާތީ ދާއިރާގެ އިސް އޮފިޝަލެއް ކަމަށްވާ އެލީ ހަޒާން ދޮގު ޚަބަރު އުފެއްދުމުގައި ޝާމިލުވާ ކަމަށް ވީޑިއޯއެއްގައި ފާޅުގައި އިޢުތިރާފުވެ ޙަޤީޤަތާއި ހެކި މުހިންމު ނޫން ކަމަށް ބުނެފިއެވެ.
މި ވީޑިއޯ މީސް މީޑިއާގައި ހަލުވިކަމާ އެކީ ފެތުރި ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އެ ވީޑިއޯގައި ހަޒާން ބުނީ ޙަޤީޤަތާއި ހެކި ދެއްކުން ދެން މުހިންމެއް ނޫން ކަމަށެވެ. އަދި އިޒްރޭލާއި ދެކޮޅު މީހުންނަށް ރައްދު ދިނުމުގެ ގޮތުން ދޮގު ޚަބަރު އުފައްދާފައިވާނެކަމަށް ބުންޏެވެ.
ހަމައެހެންމެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅޭ މީޑިއާ ސްޓައިލާ އެއްގޮތް އުސޫލެއް އިޒްރޭލުން ގެންގުޅެން ޖެހޭ ކަމަށް ވެސް ހަޒާން ވަކާލާތުކުރިއެވެ. ހަޒާން ނަމޫނާއެއްގެ ގޮތުގައި ދެއްކި ޓްރަމްޕްގެ ސްޓައިލަކީ ދޮގު ނުވަތަ އޮޅުވައިލާ ވާހަކަ ތަކުރާރުކޮށް ބޭނުންކުރުމާއި އެ މީހާއާ ދެކޮޅު ރިޕޯޓުތައް "ފޭކް ނިއުސް" ގެ ގޮތުގައި ސިފަކުރުމެވެ.
ޓްރަމްޕް ބާރަށް ކުރިއަރައިގެން އައި ދުވަސްވަރު އެ ޢިބާރާތް ނޫސްވެރިންނާ ދެކޮޅަށް ބޭނުންކުރާ ސިޔާސީ ހަތިޔާރަކަށް ބަދަލުކޮށްލިއެވެ. ޓްރަމްޕް ހެކި ހޯދުމެެއް ނެތި ދޮގު ވާހަކަ ފަތުރާ މިންވަރު މިނިވަން ފެކްޓް ޗެކް ޖަމާޢަތްތަކުން ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ވޮޝިންޓަން ޕޯސްޓުން ރެކޯޑުކުރި ގޮތުގައި އޭނާގެ ފުރަތަމަ ދައުރުގައި 30573 ދޮގު ނުވަތަ އޮޅުވައިލާ ވާހަކަ ދެއްކި ކަމަށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 21 ބުނުމެވެ. ޕޮލިޓިފެކްޓުން 2024 ވަނަ އަހަރުގެ ފެބްރުއަރީ ހިސާބަށް ޓްރަމްޕްގެ 1000 ބުނުމެއް ބެލި އިރު ފެކްޓް ޗެކް ކުރެވުނު ބުނުންތަކުގެ ގާތްގަނޑަކަށް 76 އިންސައްތަ ރޭޓް ކޮށްފައި ވަނީ ދޮގު ގިނައިން ދޮގު ނުވަތަ ބޮޑު ދޮގުގެ ގޮތުގައެވެ.
ހަޒާނަކީ ނަތަންޔާހޫގެ ލިކޫޑް ޕާޓީގެ ޚާރިޖީ ކަންކަމާ ބެހޭ ޑައިރެކްޓަރު ކަމާއި ބެންޖަމިން ނަތަންޔާހޫގެ ތަރުޖަމާނެއްގެ މަގާމު އަދާކޮށް ސިންގަޕޫރަށް ކަނޑައަޅާފައި ހުންނެވި ސަފީރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ. އިސްރާއީލުގެ ނޫސްތަކުން މި އަހަރު ރިޕޯޓުކުރި ގޮތުގައި ނޫސްވެރިންނާއި ސަރުކާރާ ދެމެދު ގުޅުން ބެލެހެއްޓުމާ ހަވާލުވެ އޮންނަ ގަވަރމަންޓް ޕްރެސް އޮފީހުގެ ވެރިއެއްގެ ގޮތުގައި ހަޒާން ޢައްޔަނުކުރުމަށް ނަތަންޔާހޫ މަސައްކަތްކުރިއެވެ.
ޣައްޒާގައި ހިންގަމުންދާ ގަތުލުޢާންމާ ގުޅިގެން ބައިނަލްއަޤުވާމީ ތާއީދު ގެއްލެން ފެށުމުން އިސްތިއުމާރީ އިޒްރޭލުން ހަސްބާރާ ނުވަތަ ޕަބްލިކް ޑިޕްލޮމަސީ އެޕަރެޓަސް އަށް ކުރީން ނެތް ވަރުގެ ބޮޑެތި ޚަރަދުތަކެއް ކުރި އެވެ. އިސްރާއީލުގެ ޕަބްލިކް ޑިޕްލޮމަސީ ބަޖެޓު ވަނީ ގާތްގަނޑަކަށް 730 މިލިއަން ޑޮލަރަށް އުފުލިފައެވެ.
އެއީ ކުރީ އަހަރު ކަނޑައެޅި 150 މިލިއަން ޑޮލަރަށް ވުރެ ހަތަރު ގުނަ ބޮޑު ޢަދަދެކެވެ. 150 މިލިއަން ޑޮލަރުގެ ބަޖެޓު ވެސް 2023 ގެ ކުރީގެ ޚަރަދާ އަޅައިބަލާ އިރު ގާތްގަނޑަކަށް 20 ގުނަ ބޮޑެވެ.
މީގެ އިތުރުން ޕޯސްޓަކަށް 7000 ޑޮލަރާ ހަމައަށް މީސް މީޑިއާ އިންފްލުއެންސަރުންނަށް ފައިސާ ދީ ޑިޖިޓަލް ކެމްޕެއިންތަކާއި ވެބް ސާޗު ނަތީޖާ ބަދަލުކުރުމާއި އާޓިފިޝަލް އިންޓެލިޖެންސް ޕްލެޓްފޯމުތަކުގެ މަޢުލޫމާތީ މާހައުލަށް ނުފޫޒު ފޯރުވުމަށް ވެސް ކެމްޕެއިންތައް ހިންގަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް