އެމެރިކާގެ އިޤުތިޞާދީ ފިއްތުންތަކާ ކުރިމަތިލުމަށް ތައްޔާރަށް ތިބި ކަމަށް އީރާނުން ބުނޭ --
އެމެރިކާއިން އީރާނާ ދެކޮޅަށް އިޢުލާނު ކުރި އިޤުތިޞާދީ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ފުރިހަމަ ޤާބިލުކަން ލިބިފައިވާ ކަމަށް އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ތަރުޖަމާނު ހުސައިން މުހިއްބީ ބުނެފިއެވެ.
ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް އައު އިޤުތިޞާދީ ކެމްޕޭނެއް އިޢުލާނު ކުރުމާ ގުޅިގެން މުހިއްބީ ބުނީ އިޤުތިޞާދީ ހަނގުރާމައަކީ ދުޝްމިނުން ބޭނުންކުރާ އުކުޅުތަކުގެ ތެރެއިން އެއް އުކުޅު ކަމަށާއި އެ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ތަފާތު ސީނާރިއޯތައް ރާވާފައިވާ ކަމަށެވެ. ވޮޝިންގްޓަނުން ވޭތުވެދިޔަ އެތައް އަހަރެއް ވަންދެން އީރާނާ ދެކޮޅަށް އިޤުތިޞާދީ ފިއްތުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ގާޑުގެ ތަރުޖަމާނު ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން މުހިއްބީ ބުނީ އީރާނުން އެހެން ޤައުމުތަކާ އެކު އިޤުތިޞާދީ ގުޅުންތައް ކުރިއަށް ގެންދާ ކަމަށާއި އެމެރިކާގެ އެންމެ ފަހުގެ ފިޔަވަޅުތަކުގެ ނަތީޖާއާ މެދު ކަންބޮޑުނުވާ ކަމަށެވެ. އަސްކަރީ މަގުން ލަނޑުދަނޑިތައް ހާސިލު ނުވުމުން ވޮޝިންގްޓަނުން އިޤުތިޞާދީ ފިއްތުންތައް ވަރުގަދަ ކުރީ ކަމަށް ވެސް އޭނާ ތުހުމަތު ކޮށްފައިވެއެވެ.
ޓްރަމްޕް ސިފަކުރި ގޮތުގައި މިއީ މިހާތަނަށް ޤައުމަކާ ދެކޮޅަށް އެޅި އެންމެ ހަރުކަށި އިޤުތިޞާދީ ފިޔަވަޅުތަކެވެ. އީރާނު އެކަހެރި ކުރުމުގެ ބޭނުމުގައި ފެށި މި ކެމްޕޭނުގެ ތެރެއިން ތެހެރާނަށް އެހީތެރިވާ ޤައުމުތަކަށް ވެސް ބޮޑެތި އިޤުތިޞާދީ ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފައިވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވެސް ވަނީ މި ފިޔަވަޅުތަކުގެ ކާމިޔާބީއާ މެދު ޝައްކު އުފައްދަވައިފައެވެ. ހުކުރު ދުވަހު ވިދާޅުވީ ކުރީގެ ދަތިކުރުމުގެ ފިޔަވަޅުތައް ނާކާމިޔާބުވި ފަދައިން މި ބުރުގެ ފިޔަވަޅުތައް ވެސް ނާކާމިޔާބުވާނެ ކަމަށެވެ.
މި މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ބަހުގެ ހޫނު ޙަމަލާތައް ބަދަލުކުރެވެމުން ދާއިރު މި ފިޔަވަޅުތައް ތަންފީޒު ކުރެވޭ މިންވަރާއި އީރާނުގެ އިޤުތިޞާދަށް ކުރާ ޙަޤީޤީ އަސަރު ކުރިއަށް އޮތް ތަނުގައި ސާފުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް