އިންތިހާބެއްގައި މީހަކު ވޯޓު ލަނީ -- ފޮޓޯ އީސީ
ވޯޓުލުމުގެ ޙައްޤަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޤައުމުގެ މުސްތަޤުބަލް ބައްޓަންކުރުމަށް ރައްޔިތުންނަށް ލިބިފައިވާ ބޮޑު އަމާނާތެއް ކަމަށް ބުނެ ވޯޓުލާ މީހުންގެ ދުވަހާ ދިމާކޮށް އިލެކްޝަންސް ކޮމިޝަނުން (އީސީ) މިއަދު ބަޔާނެއް ނެރެފިއެވެ.
އީސީން ނެރުނު އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ޑިމޮކްރެޓިކް ނިޒާމުގައި ރައްޔިތުންގެ ޙިއްޞާ އިތުރުކޮށް އިންތިޚާބީ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމެވެ. އެއާ އެކު ވޯޓުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މި ދުވަހުގެ މައިގަނޑު އެއް މަޤުޞަދެވެ. މި އަހަރުގެ ޝިޢާރަކީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް!" މިއެވެ.
"ވޯޓުލުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ އަސާސީ ހައްގަކަށްވާއިރު އެއީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގައުމުގެ ކުރިމަގު ބައްޓަންކުރުމަށް ލިބޭ ބޮޑު އަމާނާތެކެވެ" ކަމަށް އެ ބަޔާނުގައިވެއެވެ.
"އެހެންކަމުން ވޯޓު ދިނުމުގައި ވަގުތީ ފައިދާއަށް ބެލުމުގެ ބަދަލުގައި ދީނާއި ގައުމަށް ތެދުވެރި ގާބިލު މީހަކު އިހުތިޔާރު ކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަރުދީ ޒިންމާއެކެވެ."
މި ދުވަހާ ގުޅިގެން ތަފާތު ހަރަކާތްތައް ރާވާފައިވާ ކަމަށް އީސީން ބުނެފައިވެއެވެ. އެ ގޮތުން އެ ކޮމިޝަނުގެ މެންބަރުންގެ ޚާއްޞަ ބަސްދީގަތުންތައް ކުރިއަށް ގެންދިޔުމުގެ އިތުރުން ވޯޓުލާ މީހުންގެ ދުވަހުގެ މުހިންމުކަމާ ގުޅޭ ޚާއްޞަ ޕޮޑްކާސްޓެއް މިއަދު މެންދުރުފަހު 2:30 ގައި ދައުލަތުގެ މީޑިއާ ޕީއެސްއެމް މެދުވެރިކޮށާއި އީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށް ގެނެސްދޭނެ ކަމަށެވެ.
އެ ޕޮޑްކާސްޓުގައި ވޯޓުލުމުގެ ޙައްޤާއި ޒިންމާތަކާ ބެހޭ ބައިތައް ހިމެނޭ ކަމަށް އީސީން ބުނެފައިވެއެވެ. ހަމައެއާ އެކު ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާސްހިސާބާއި ވީޑިއޯ ކްލިޕްތައް ވެސް ޢާންމުންނާ ހިއްޞާކުރުމަށް ވަނީ ރޭވިފައެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަސް ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އީސީން ނިންމީ 2015 ވަނަ އަހަރު ހއ. ހޯރަފުށީގައި ބޭއްވި "ޑިމޮކްރަސީ ހަފުތާ"ގައެވެ. އީސީން ބުނެފައިވާ ގޮތުގައި ފާއިތުވި ތިން އަހަރު ވެސް މި ދުވަސް އެކި ހަރަކާތްތަކާ އެކު ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު ވޯޓުލާ މީހުންގެ ޢަދަދު އިތުރުކުރުމަކީ އެ ކޮމިޝަނުން އަބަދު ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް