އެމެރިކާއިން ގެންގުޅޭ ޓެރެރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ސީރިއާ ޓެރެރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުން ނަގައި އައްސަދުގެ ވެރިކަމަށް ފަހު އެކުލަވައިލެވުނު ސީރިއާ ސަރުކާރާ ދެކޮޅަށް ހުރި ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށްދީފ...

25 Aug 2026 | 06:18
ސީރިއާގެ ރައީސާއި އެމެރިކާގެ ރައީސް --

ސީރިއާގެ ރައީސާއި އެމެރިކާގެ ރައީސް --

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ސީރިއާ ޓެރެރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުން ނަގައި އައްސަދުގެ ވެރިކަމަށް ފަހު އެކުލަވައިލެވުނު ސީރިއާ ސަރުކާރާ ދެކޮޅަށް ހުރި ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށްދީފިއެވެ.

މި ނިންމުމާ އެކު ޓެރެރިޒަމް ލިސްޓުގައި ހިމެނޭ ސަރުކާރުތަކާ ގުޅޭ ގޮތުން ފައިސާގެ މުޢާމަލާތްތަކާއި އެހެނިހެން ކަންކަން މަނާކުރާ ޤަވާއިދުތައް ދެން ސީރިއާއަށް ނުހިނގާނެ ކަމަށް އެމެރިކާގެ ޓެރެޒަރީ ޑިޕާޓްމަންޓުގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލުން ބުނެފައިވެއެވެ. ހަމައެހެންމެ ވޮޝިންގޓަނުން ވަނީ ހައިއަތު ތަޙްރީރުއް ޝާމް (އެޗްޓީއެސް) ގެ ނަމުގައި މަޝްހޫރު ކުރީގެ ނުޞްރާ ފްރޮންޓު ޖަމާޢަތް ޓެރެރިސްޓު ޖަމާޢަތްތަކުގެ ލިސްޓުން ނަގައި ދަތިކުރެވިފައިވާ ފަރާތްތަކާއި ޖަމާޢަތްތަކުގެ ލިސްޓުންވެސް އުނިކޮށްފައެވެ.

އެ ޖަމާޢަތް ސަރުކާރުގައި ބައިވެރިވުމުން ދީފައި އޮތް ޖެނެރަލް ލައިސެންސް 25 ވެސް "ދެން ބޭނުންނުވާ" ކަމަށް ބުނެ ބާތިލުކޮށްފައިވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ސީރިއާގެ ރައީސް އަޙްމަދު އައްޝަރާޢާ އެކު އަންކާރާގައި ބައްދަލުކުރުމަށް ފަހު ޖުލައި 8 ގައި ޓެރެރިޒަމް ލޭބަލް ނެގުމުގެ ރޭވުން ކޮންގްރެސްއަށް ރަސްމީކޮށް އެންގިއެވެ. ސީރިއާ އެ ލިސްޓުގައި ހިމެނިފައި އޮތީ 1979 ވަނަ އަހަރުން ފެށިގެންނެވެ. އެ ލޭބަލް ހިފެހެއްޓިފައި ދެން ތިބީ ހަމައެކަނި ކިއުބާ އުތުރު ކޮރެއާ އަދި އީރާނެވެ.

ޓެރެރިޒަމް ލޭބަލްގެ ސަބަބުން ސީރިއާއަށް ބޭރުގެ އިންވެސްޓްމަންޓާއި ފައިސާގެ ބޮޑެތި މުޢާމަލާތްތައް ބެދި ސެކިއުރިޓީ އެހީއަށް ވެސް ހުރަސް އެޅިފައި އޮތެވެ.

އެޗްޓީއެސް ޖަމާޢަތަކީ ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ބައްޝާރުލް އައްސަދުގެ ބާރުތަކާ ދެކޮޅަށް ހަރަކާތްތެރިވި އެންމެ ފާހަގަކޮށްލެވޭ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ތެރެއިން ޖަމާޢަތެކެވެ. އެ ޖަމާޢަތުގެ ލީޑަރު ޝަރާޢަ އައްސަދު ވެރިކަމުން ބޭލުމާ އެކު ސީރިއާގެ ރައީސްކަމާ ހަވާލުވީއެވެ. 2024 ވަނަ އަހަރު ޑިސެމްބަރުގައި އައްސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން ޝަރާޢަ ޤައުމު ހަމައަކަށް އެޅުވުމުގެ މަސައްކަތް ފެށި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝަރާޢަ މިދިޔަ ނޮވެމްބަރުގައި ވައިޓް ހައުސްއަށް ތާރީޚީ ދަތުރެއް ކޮށްފައިވެއެވެ. 1946 ގައި ސީރިއާ މިނިވަންވީ ފަހުން ސީރިއާގެ ވެރިއަކު ވައިޓް ހައުސްއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. އޭގެ ކުރިން 2025 ވަނަ އަހަރުގެ މެއި މަހު ރިޔާޛުގައި ޓްރަމްޕާ ބައްދަލުކުރި ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. އެ ބައްދަލުވުމާ ވިދިގެން ސީޒާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވައިލީއެވެ. މި ހުރިހާ ނިންމުންތަކަކީ އައްސަދުގެ ވެރިކަމަށް ފަހު ސީރިއާއާ ދެމެދު އާ ގުޅުމެއް ބިނާކުރުމުގެ މަގުގައި އެމެރިކާއިން އެޅި ފިޔަވަޅުތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް