N/A
ހޮރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން، އީރާނުން ޕާކިސްތާނުގެ ބަލޮޗިސްތާނުގެ ފަރުބަދަމަތީ މަގުތަކުން ޤަވާއިދާ ޚިލާފަށް ބޭރުކުރާ ތެލުގެ ވިޔަފާރި ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބީބީސީން ރިޕޯޓުކޮށްފިއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮންނަ 900 ކިލޯމީޓަރުގެ ބޯޑަރު ހުރަސްކޮށް، ސައިކަލުތަކުގައި ޑީސަލާއި ޕެޓްރޯލު އުފުލާ މީހުން ބުނާ ގޮތުގައި، ދުނިޔޭގެ އެންމެ ބާރުބޮޑު ތެޔޮ އުފުލާ ކަނޑުއޮޅި ބަންދުވުމަށްފަހު އެ މީހުންނަށް ޖެހިފައިވަނީ ކުރިއަށްވުރެ ގިނަ ވަގުތު މަސައްކަތްކުރާށެވެ. މި އަހަރުގެ އޭޕްރީލާއި މޭ މަހު ބޯޑަރު ސަރަހައްދުން ނަގާފައިވާ ވީޑިއޯތައް ޓިކްޓޮކާއި އިންސްޓަގްރާމުގައި ވައިރަލްވެފައިވާއިރު، އޭގެ ތެރެއިން އެއް ވީޑިއޯގައި މި މަގުތައް ސިފަކޮށްފައިވަނީ "ބަލޮޗިސްތާނު ކަނޑުއޮޅި"ގެ ގޮތުގައެވެ.
ބީބީސީއިން ހޯދާފައިވާ، މޭ މަހު އީރާނުގެ އެތެރެއިން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސަތޭކައަކަށްވުރެ ގިނަ ޕްލާސްޓިކް ފީފާ ލޮރީތަކަށް އަރުވައިގެން ގެންދަނީ ބޯޑަރުގައި ހުންނަ ޤަވާއިދާ ޚިލާފު ބޯޑަރު އެންޓްރީ ޕޮއިންޓްތަކަށެވެ. އީރާނުގެ ބޯޑަރުން 600 ކިލޯމީޓަރު ދުރުގައި އޮންނަ މަސްތުންގުގައި ހުންނަ، ބަލޮޗިސްތާނުގެ އެންމެ ބޮޑު ހުޅުވިފައިވާ ތެލުގެ ބާޒާރު (މަންޑީ) އަށް މި ތެޔޮ ގެންދިއުމަށްފަހު، ސިންދާއި ޕަންޖާބުގެ އިތުރުން އަފްޣާނިސްތާނަށް ވެސް އެތެރެކުރެއެވެ.
ލީކުވެފައިވާ އިންޓެލިޖެންސް ރިޕޯޓަކާ ހަވާލާދީ ބީބީސީން ބުނާ ގޮތުގައި، ޕާކިސްތާނުގައި ގާތްގަނޑަކަށް 2.4 މިލިއަން މީހުންގެ ދިރިއުޅުން ބިނާވެފައި އޮތީ ތެޔޮ ސްމަގްލްކުރުމުގެ މައްޗަށެވެ. މި މަސައްކަތުގައި އުޅޭ މީހުންގެ ތެރޭގައި އުމުރުން 15 އަހަރުގެ ކުދިން ވެސް ހިމެނެއެވެ.
މި މައްސަލަ ދިރާސާކުރާ ފަރާތަކުން ބީބީސީއަށް ބުނީ، "ތެޔޮ ސްމަގްލްކުރުމުގައި އިސްކޮށް ތިބީ އީރާނުގެ ވެރިކަމުގެ ފަރާތްތަކާ ސީދާ ގުޅުން އޮންނަ ބައެއް ކަމަށާއި، ސައިކަލުތަކުގައި ތެޔޮ އުފުލާ މީހުންނަކީ އެންމެ ބޮޑު ނުރައްކަލެއް އުފުލާ، އެންމެ ދަށު ފަންތީގެ މީހުން" ކަމަށެވެ. އަދި ބޯޑަރުގެ ދެ ފަރާތުގައި ވެސް ރަސްމީ ފަރާތްތަކުން މި ވިޔަފާރި ނުފެންނަ ކަމަށް ހަދާ ކަމަށާއި، ބައެއް ފަރާތްތަކުން ސީދާ ބައިވެރިވެ ފައިދާ ނަގާ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

ނިކޭ އޭޝިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު ލީކުވި ޕާކިސްތާނުގެ އިންޓެލިޖެންސް ލިޔުމަކުން ދައްކާ ގޮތުން، ބަލޮޗިސްތާނު މަގުން ކޮންމެ އަހަރަކު އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އީރާނު ތެޔޮ ޕާކިސްތާނަށް އެތެރެކުރެއެވެ. މި ހިނގާ ޖޫން މަހު ޕާކިސްތާނުގެ ތެޔޮ ކުންފުނިތަކުން ސަރުކާރަށް އިންޒާރު ދީފައިވަނީ، ޤަވާއިދާ ޚިލާފު ސަޕްލައި ޗެއިންތަކުން އެތެރެވާ ތެލުގެ ސަބަބުން ރަސްމީ ތެލުގެ ވިޔަފާރި 27 އަހަރު ތެރޭގައި ދަށްވި އެންމެ ދަށް މިންވަރަށް ވެއްޓިފައިވާ ކަމަށެވެ. މީގެ ސަބަބުން ކޮންމެ މަހަކު ޓެކްސްގެ ގޮތުގައި ސަރުކާރަށް ލިބެންޖެހޭ 16 ބިލިއަން ޕާކިސްތާނު ރުޕީސް (40 މިލިއަން ޕައުންޑަށްވުރެ ގިނަ) ގެއްލޭ ކަމަށް އެ ކުންފުނިތަކުން އަންދާޒާކުރެއެވެ.

ބަލޮޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ފަޤީރު ޕްރޮވިންސެވެ. އެތައް އަހަރެއް ވަންދެން ދެމިގެންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުޞަތު މަދުވެފައިވާއިރު، ފެނުގެ ދަތިކަމުގެ ސަބަބުން ދަނޑުވެރިން ވެސް ދަނީ މި ނުރައްކާތެރި މަސައްކަތަށް ވަންނަމުންނެވެ. ސްމަގްލްކުރުން އިތުރުވެފައިވާ ކަމަށް ސަރަހައްދީ ވެރިން އިންކާރުކުރި ނަމަވެސް، މިއީ ކޮންޓްރޯލްކުރަން އުނދަގޫ ވިޔަފާރިއެއް ކަމަށް އެ ފަރާތްތަކުން ވެސް ޤަބޫލުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް