ދިރާގުން "މީލް ޕެކް" ހަދިޔާ ކުރަނީ - ފޮޓޯ: ދިރާގު
މި
ބަރަކާތްތެރި ރަމަޞާން މަހާ ގުޅިގެން، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ
މަގްސަދުގައި ދިރާގުން ހާއްސަ ދެ ހަރަކާތެއް އިއުލާންކޮށްފިއެވެ. މިގޮތުން،
ދިރާގުޕޭ މެދުވެރިކޮށް މީލް ޕެކް ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ އާއިލާތަކަށް
އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
"މީލް
ޕެކް" ހަދިޔާކުރުމުގެ ހަރަކާތަކީ "މިޝަން ފޯ މައިގްރަންޓް ވޯކަރސް
މޯލްޑިވްސް" އާ ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތައް ކައިރިން ބިދޭސީ
މަސައްކަތްތެރިންނަށް ރޯދަވީއްލުމުގެ ކެއުން ފޯރުކޮށްދިނުމަށް ހިންގާ
ހަރަކާތެކެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1000 މީލް ޕެކް އެ
ޖަމިއްޔާއަށް ހަދިޔާކޮށްފައެވެ. ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެޕް
މެދުވެރިކޮށް 60 ރުފިޔާއަށް މީލްޕެކެއް ހަދިޔާކުރުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފައިވާކަމަށް
ދިރާގުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، އެހީތެރިކަން ބޭނުންވާ އާއިލާތަކަށް
އެހީވުމަށް ދިރާގުން ވަނީ "މަމްސް އެއިޑް" އާ ގުޅިގެން 100 އާއިލާއަކަށް
ރޯދަމަހަށް ހާއްސަ ކެއަރ ބާސްކެޓެއް ފޯރުކޮށްދީފައެވެ. މި ކެއަރ ބާސްކެޓްތައް
ހަދިޔާކޮށްފައިވަނީ އެހީތެރިކަން ބޭނުންވާ އެކަނިވެރި މައިންނާއި
ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށެވެ. މި ބާސްކެޓްގައި
ރަމަޞާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހިމެނެއެވެ.
މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ކަސްޓަމަރުންނަށް
ކެއަރ ބާސްކެޓެއް ހަދިޔާކުރުމަށް 1200 ރުފިޔާ ނުވަތަ ބޭނުން ކޮންމެ އަދަދެއްވެސް
ދިރާގުޕޭ މެދުވެރިކޮށް ހަދިޔާ ކުރެވޭނެއެވެ.
އެހީތެރިކަން
ފޯރުކޮށްދޭން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުޕޭ އެޕްލިކޭޝަނުގެ "ފީޗާޑް ސާރވިސް"
އަށް ފިތާލުމުން، ޑޮނޭޓް ކުރަން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު ފައިސާ
ހަދިޔާކުރެވޭނެއެވެ. މިގޮތުން ޑޮނޭޓްކުރާ ފައިސާ ސީދާ އެ ޖަމިއްޔާތަކުގެ
އެކައުންޓްތަކަށް ޖަމާވެގެންދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ދިރާގުޕޭގެ މައިގަނޑު މަގްސަދަކީ މި ބަރަކާތްތެރި ރަމަޞާން
މަހު ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު
ތަނަވަސްކޮށްދީ، އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް