ބަންގްލަދޭޝްގެ ކާރުހާނާއެއް --
ބަންގްލަދޭޝްގައި ގުދުރަތީ ގޭސް ލިބުން ދަތިވުމުގެ ސަބަބުން އެޤައުމުގެ ކާރުޚާނާތަކާއި، އާންމުންގެ ދިރިއުޅުމާއި، ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެއްޖެ އެވެ.
ގޭސް ލިބުން ދަތިވުމުގެ ސަބަބުން ބޮޑެތި ކާރުޚާނާތަކުގެ މަސައްކަތް ހުއްޓި، ޤައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ވަނީ ނުރައްކާވެފައެވެ. މީގެ އިތުރުން، ބަންގްލަދޭޝްގެ އިޤްތިޞާދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ އަދި ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން އަންނައުނު ބޭރުކުރާ ގާރމެންޓް އިންޑަސްޓްރީގެ ކާރުޚާނާތަކުގެ އުފެއްދުންތެރިކަން ދަށްވެ، މުޅި އިޤްތިޞާދަށް ދަނީ އޭގެ ނޭދެވޭ އަސަރު ކުރަމުންނެވެ.
އާންމު ދިރިއުޅުމަށް ބަލާއިރު، ހޮޅި އަޅައިގެން ގޭގެއަށް ދޫކުރާ ކައްކާ ގޭހުގެ ޕްރެޝަރު ދަށްވުމާއި ގޭސް ލިބުން މެދުކެނޑުމުގެ ސަބަބުން އާންމުންނަށް ވަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައެވެ. އަދި ގޭހުން ކަރަންޓު އުފައްދާ ޕްލާންޓްތަކަށް ބޭނުންވާ ވަރަށް ގޭސް ނުލިބުމުގެ ސަބަބުން ޤައުމުގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑުން ވަނީ އާންމުވެފައެވެ.
މި ނުރައްކާތެރި ޙާލަތު މެދުވެރިވި މުހިންމު ސަބަބުތަކުގެ ތެރޭގައި ބަންގްލާދޭޝްގެ ދުވަސްވީ ގޭސް ފީލްޑްތަކުން ގޭސް އުފައްދާ މިންވަރު ދަށްވުމާއި، އާ ގޭސް ފީލްޑްތައް ހޯދުމަށް އެކަށީގެންވާ ވަރަށް އިންވެސްޓް ނުކުރެވުން ހިމެނެއެވެ. އަދި މެދުއިރުމަތީގެ މަސްރަޙު ގޯސްވުމާއި ހަނގުރާމައިގެ ސަބަބުން ބޭރު ޤައުމުތަކުން އެލް.އެން.ޖީ އެތެރެކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
ސަރުކާރުން މިހާރު ދަނީ އާ ގޭސް ވަޅުތައް ހޯދުމަށާއި ބޭރުން ގޭސް އެތެރެކުރާ ނިޒާމު ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މާހިރުން ދެކޭގޮތުގައި މިކަމަށް އޮތް ދިގު މުއްދަތުގެ ޙައްލަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް