ކުއްޖާ ގެއްލުނު ފެން ހިންދާ ނިޒާމު --
އިންޑިއާގެ ނިއުދިއްލީގެ ޖަސޯލާ ސަރަހައްދުގައި ގުޑިއެއް ފަހައި ދުވަނިކޮށް 15 އަހަރުގެ ފިރިހެން ކުއްޖަކު ހާމައަށް އޮތް ފެން ހިންދާ ނެރަކަށް ވެއްޓި ގެއްލިއްޖެ އެވެ.
މި ހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނު 11:30 ހާއިރު އެވެ. ގެއްލުނު ކުއްޖާ ހޯދުމަށް ދިއްލީ ފުލުހުންނާއި ޑިޒާސްޓާ ރެސްޕޮންސް ފޯސް އާއި އިތުރު ޓީމުތައް ހަރަކާތްތެރިވި ނަމަވެސް މިހާތަނަށް ކުއްޖާ ފެނިފައެއް ނުވެ އެވެ.
ރެސްކިއު ޓީމުތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ކުއްޖާ ހޯދުމަށް ހުރަސް އެޅިފައިވަނީ އެ ނިޒާމުގެ ތެރެއިން މެދުނުކެނޑި ބާރު ސްޕީޑުގައި ފެން ދެމެމުންދާތީއެވެ. އެ ނިޒާމު ގޮސް ނިމޭ ހިސާބުވެސް ނޭނގޭ ކަމަށް އެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެފައިވެ އެވެ.
ފެންގަނޑުގައި ކުންޏާއި އެނޫންވެސް އެތައް ސާމާނެއް ތާށިވެ ފުނިޖެހިފައި ހުރުމުން ކުއްޖާ ބާރު އޮއިގަ ފެންގަނޑާއި އެކު ދަމައިގަތީކަމެއް ނުވަތަ ކުނިތަކުގައި ތާށިވެފައި އޮތީކަމެއްވެސް ނޭނގޭ ކަމަށް ރެސްކިއު ޓީމުތަކުން ބުންޏެވެ.
ކުއްޖާގެ ރެސްކިއު އޮޕަރޭޝަނާއި މެދު އާއިލާއިން ވަނީ މީޑިއާގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ. އާއިލާއިން ބުނީ ކުއްޖާ ވެއްޓުނުތާ މާ ގިނަ އިރެއް ނުވެ ރިޕޯޓު ކުރުމުން ފުލުހުން އެ ސަރަހައްދަށް ދިޔަ ކަމަށާއި އެކަމަކު ހޯދުމުގެ އޮޕަރޭޝަން ނުފަށާ ދިޔައީ ކަމަށެވެ.
އާއިލާގެ މި ތުހުމަތުތަކާއި ގުޅިގެން ރެސްކިއު ޓީމުތަކުން ވަނީ އަދިވެސް ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާކަމަށާއި އުންމީދު ގެއްލުވާ ނުލުމަށް އެދިފައި އެވެ.
15 އަހަރުގެ ކުއްޖާއަކީ ހަތަރު ބެއިންގެ އާއިލާއެއްގެ އެންމެ ހަގު ކުއްޖާ އެވެ.
ކުއްޖާ ގެއްލުމާއި ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ކުއްޖާގެ އާއިލާއިން އެ ފެންހިންދާ ނިޒާމު ހާމައަށް އޮންނަ މައްސަލައިގަ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ. އެމީހުން ބުނީ މީހުން ނުވެއްޓޭގޮތަށް ވަށައިގެން ކޮށި ޖެހުމަށާއި ކުނި އެ ފެންގަނޑަށް ނޭޅޭނެ ގޮތެއް ހަދައިދޭން އެތައް ފަހަރަކު ކަމާ ބެހޭ ފަރާތްތަކުގައި އެތައް ފަހަރު އެދިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް