ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރު އަލީ އިހުސާން -- ފޮޓޯ: ރައީސް އޮފީސް
ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ހަތް ތަނެއް ތަޙުޤީޤުކުރިއިރު ނުވަ މަސް ދުވަހުގެ ތެރޭގައި ކަޅު ބާޒާރުގައި 77 މިލިއަން ޑޮލަރު ވިއްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ފައިސާ މާރުކުރުމުގެ ޚިދުމަތް ދެމުން ގެންދަނީ 63 ތަނަކުން ކަމަށެވެ. ނަމަވެސް ހުއްދައެއް ނެތި އެ މަސައްކަތް ކުރާ ފަރާތްތައް ވަރަށް ގިނަ ކަމަށާއި އެ ތަންތަނަކީ ޑޮލަރުން އާމްދަނީ ހޯދާ ނުވަތަ ޑޮލަރު އެތެރެކުރާ ވެސް ބައެއް ނޫންކަން ތަޙުޤީޤުން ފާހަގަކުރެވިފައިވާ ކަމަށް އިޙުސާން ވިދާޅުވިއެވެ.
އެހެންކަމުން އެ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދެނީ ކޮން ބައެއްތޯ ބެލި ކަމަށް ވިދާޅުވިއެވެ.
އެ ގޮތުން ބެލިބެލުމުން ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓުތައް އެ ކަމުގައި ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "އޭގެ ތެރެއިން އެއް ފަރާތުން މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި މި ދެންނެވި ރިސޯޓު ޗެއިނަކުން ހަތަރު މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައި" އިޙުސާން ވިދާޅުވިއެވެ. އެ ރިސޯޓުތަކުން ކަޅު ބާޒާރުގައި ވިއްކި ޢަދަދުތަކަކީ އެމްއެމްއޭގެ އުސޫލުގެ ދަށުން ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭ 20 އިންސައްތައަށް ވުރެ ވެސް ބޮޑެތި ޢަދަދުތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އެމްއެމްއޭ އިން ހަދާފައި އޮންނަ އުސޫލުން [ޑޮލަރު] މާރުކުރަން ޖެހޭ ވަރު މިއަށް ވުރެ ކުޑަ. އެކަމަކު ވަރަށް ގިނަ ފަހަރަށް އާގިއުމެންޓް އަންނަނީ މި [20 ޕަސެންޓު] ބޮޑުވެގެން. ކަޅުބާޒާރަށް ނެރެންވީމާ އެ ޑޮލަރު އެބަހުރޭ އެމްއެމްއޭއަށް އެކްސްޗޭންޖުކުރަން ޖެހޭއިރު ނުހުރޭ" އިޙުސާން ވިދާޅުވިއެވެ.
ހުއްދައެއް ނެތި ބޭރު ފައިސާ މާރުކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްކަން ފާހަގަކުރައްވައި އެފަދަ ކުށަކުން ހޯދާ ފައިސާ އަމިއްލަ ނުވަތަ ވިޔަފާރީ ބޭނުމަށް ގެންގުޅުމަކީ ޤާނޫނީ ގޮތުން މަނީ ލޯންޑަރިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "އެ ފަރާތްތަކުން މި އެންގޭޖުވަނީ އެނގިގެން ވިޔަސް ނޭނގި ވިޔަސް މަނީ ލޯންޑަރިން ހަރަކާތްތަކުގައި" އިޙުސާން ވިދާޅުވިއެވެ.
ރިސޯޓުތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތަށް ތަފާތު ޚިދުމަތްތައް ދޭ ފަރާތްތަކާއި ޑޮލަރުން މުސާރަ ނުވަތަ އާމްދަނީ ލިބޭ ވަކިވަކި ފަރުދުން ވެސް ކަޅު ބާޒާރުގައި ފައިސާ މާރުކުރާކަން ފާހަގަކުރައްވައި އެއީ ކުށެއްކަން ހަނދާންކޮށްދެއްވައި އެ ކަމުން ދުރުހެލިވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް