ބަންގްލަދޭޝް ފުލުހަކު މަގުމަތީގައި ސެކިއުރިޓީ ބަލަހައްޓަނީ --
ބަންގްލަދޭޝްގެ ރަންގްޕޫރު ސިޓީގައި ގެއެއްގެ ތެރޭގައި ހިންދޫ އާއިލާއެއް މަރާލުމަށް ފަހު ގާތިލުން އެ ގެއިން ކައިބޮއި ފެންވަރާ ހެދިކަން ތަހުގީގަށް ހާމަވެއްޖެ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ ރަންގްޕޫރު ޒިއްލާ ސްކޫލުގެ ކުރީގެ ޓީޗަރު އުމުރުން 65 އަހަރުގެ ގަނަޕަތީ ޗަކްރަބޮތީ އާއި އޭނާގެ 50 އަހަރުގެ އަނބިމީހާ ޕްރީތިލަތާ ޗަކްރަބޮތީ އާއި 23 އަހަރުގެ އަންހެން ދަރިފުޅު އަގަމީ ޗަކްރަބޮތީ ޕްރާރްތީ އަދި 12 އަހަރުގެ ފިރިހެން ދަރިފުޅު ޕްރިޔަމް ޗަކްރަބޮތީއެވެ. އެ އާއިލާ މެރުމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައި އެވެ.
އެ ސަރަހައްދުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ގާތިލުން ވަނީ އާއިލާގެ އެންމެން މަރާލުމަށް ފަހު އެ ގެއިން ފެންވަރާފައި އެވެ. އަދި ފްރިޖުގައި ހުރި ކަދުރާއި ކިއުކަމްބާތަކެއް ކައިފައިވާ ކަމުގެ ހެކި ހުރި ކަމަށެވެ.
ފުލުހުން ބުނީ އާއިލާ މަރާލުމަށް ފަހު އަވަހަށް ފިލައިގެން ދިއުމުގެ ވިސްނުން އެމީހުންގެ ނެތް ކަމަށެވެ. ބަދަލުގައި ހަމަޖެހިލައިގެން ގާތިލުން އެ ގެއިން ނުކުތީ މިދިޔަ ހުކުރު ދުވަހު ހުކުރު ގަޑީގައި މަގުމަތީގައި މީހުން މަދުވި ގަޑީގައި އެވެ.
ފުލުހުން ބުނީ އެ އާއިލާ މަރާލީ ވައްކަން ކުރަން ގާތިލުން ވަދެ ކަމަށް ބެލެވޭ ގިނަ ހެކި ހުރި ކަމަށެވެ. އެގޮތުން އަލަމާރިތަކުގައި ހުރި އަންނައުނުތައް މުޅި ގޭތެރެއަށް އުކާ، ރަން އުޅާތަކެއް އަސްލު ރަންތޯ ބެލުމަށް އަލިފާނުން ޓެސްޓު ކުރަން މަސައްކަތް ކޮށްފައިވާ ފާހަގައިގެ އިތުރުން ފޯނުތަކެއް ފެނަށް ލައި ހެކި ނައްތާލަން މަސައްކަތް ކޮށްފައިވާ ކަމަށް ބުންޏެވެ.
އެމީހުން މަރާލި ކަމަށް ބެލެވެނީ ބުރާސްފަތި ދުވަހުރޭ ދަންވަރުގެ ވަގުތެއްގައި އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރީ ހޮނިހިރު ދުވަހުގެ ރޭ އަންހެން މީހާގެ ދައްތަ އެވެ. އޭނާ މީޑިއާގައި ބުނީ އެގެއަށް އެރޭ ދިޔައީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެ އާއިލާގެ ހަތަރު މީހުންގެ ފޯނު ނިއްވާލާފައި އޮތުމުން ނުގުޅިގެން ކަމަށެވެ.
ގެއަށް ވަނީ ފުލުހުން ދޮރު ހަލާކު ކޮށްލައިގެންނެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކޮށް ސުވާލުކުރުމުން ކުށަށް އިއުތިރާފުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ގެއިން ފޭރިގެންފައިވާ ރަން ގަހަނާ ހައްޔަރުކުރި ދެ މީހުން ދެއްކި ފަޅު ތަނަކުން ފެނިފައިވާއިރު ގެއިން ފެނުނު ކަދުރު އޮށް ޑީއެންއޭ ޓެސްޓަށް ފޮނުވާފައިވާ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް