ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގެ އިޤުތިޞާދުތަކަކީ މޫސުމީ ނާޒުކު ބައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އޮގަސްޓު 23 އިން 25 އަށް ރާއްޖޭގައި ކުރިއަށްގެންދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ވެށީގެ ނާޒުކުކަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވާހަކައިގެ އެއް ބާބު ކަމަށާއި ބާކީ ބައިގައި ފެންނަނީ އެ ޤައުމުތަކުގެ ހިންމަތްތެރިކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. ގޮންޖެހުންތައް އުފެއްދުންތެރިކަމަށް ބަދަލުކޮށް ހުރަސްތައް އީޖާދީ ޚިޔާލުތަކަކަށް ހައްދަވައި ރަށްތަކުގެ ދެމެދު އޮތް ދުރުމިން ގާތްކަމަށް ބަދަލުކުރާ ބައެއްގެ ގޮތުގައި އެމަނިކުފާނު ސިޑްސް ޤައުމުތައް ސިފަކުރެއްވިއެވެ.
ކުދި ޖަޒީރާ ޤައުމުތަކުގެ ހިންމަތްތެރިކަން އެންމެ ބޮޑަށް ފެނިގެންދަނީ ޕްރައިވެޓް ސެކްޓަރުން ކަމަށް ރައީސް ވިދާޅުވިއެވެ. ވަކީން ޚާއްޞަކޮށް އެންމެ ކުދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެމް.އެސް.އެމް.އީ) ވެފައިވަނީ ސަރުކާރުތަކަށް ޙައްލު ހޯދަން ދަތި މައްސަލަތަކަށް ޢަމަލީ ޙައްލު ހޯދައިދީ އިޤުތިޞާދުތައް ކުރިއެރުވުމުގެ އިންޖީނަކަށް ކަމުގައި ވިދާޅުވިއެވެ. ޖަޒީރާ ޤައުމުތަކުގެ ކުޑަކަމުން ފައިދާ ނެގި ދާނެ ކަމަށާއި އެ ޤައުމުތައް ފަންނިއްޔާތާއި އީޖާދު ތަޙުލީލުކުރާ ލެބޯޓަރީތަކަކަށް ހެދިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސުމޭކު ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެއީ މިހާރު ހަމައެކަނި މުވާސަލާތީ ކަމެއް ނޫން ކަމަށާއި ވިޔަފާރިއާއި މާލީ ޚިދުމަތާއި ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤުތިޞާދީ ބިނާރެއް ކަމަށެވެ. މޯލްޑިވްސް 2.0 ގެ އެޖެންޑާގެ ދަށުން ޤައުމުގެ ޖޯގުރަފީ ގޮންޖެހުންތައް ގިރާކުރުމަށް ރާއްޖޭގައި ސުމޭކު ފަންނިއްޔާތު ބޭނުންކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ހަމައެހެންމެ ޒުވާން ވިޔަފާރިވެރިންނާއި ސްޓާޓް-އަޕް ތަކަށް ވަކީން ޚާއްޞަކޮށް އަންހެނުން އިސްވެ ކުރާ ވިޔަފާރިތަކަށް މާލީ އެހީ ފޯރުކޮށްދެމުންދާ ކަމާއި ޒަމާނާ އެއްގޮތަށް އިޞްލާޙުކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި 2027 ގައި ޤާއިމުކުރަން ރާވާފައި އޮތް ޓްރޭޑް އެކްސެލެރޭޝަން ޒޯނާއި ލޮޖިސްޓިކްސް އަދި ފްލޯޓިންގ ސޯލާގެ ދާއިރާއިން ކުރަމުންދާ އިސްތިރާޖީ މަސައްކަތްތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ގޮވާލެއްވީ ޖަޒީރާ ޤައުމުތަކުގެ ވިޔަފާރި ޚިޔާލުތައް މާލީ އެހީއާއި ފަންނިއްޔާތާއި ބާޒާރުތަކާ ގުޅުވައިދޭ މައި މަންސައެއްގެ ގޮތުގައި ޖީ.ބީ.އެން ތަރައްޤީކުރުމަށް އދ. ގެ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓެޓިވް ފޯ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީސް އެންޑް ސްމޯލް އައިލެންޑް ސްޓޭޓްސް (ޔޫ.އެން- އޯ.އެޗް.އާރް.އެލް.އެލް.އެސް) އަށެވެ.
މި ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތުގައި ސިޑްސް ތަމްސީލުކުރައްވާ ވަޒީރުންނާއި ސަރުކާރުތަކުގެ އިސް އޮފިޝަލުންނާއި ޑިޕްލޮމެޓުން އަދި ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް