ބެންޖަމިން ނަތަންޔާހޫ --
އިސްތިއުމާރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާ ވެރިކަމުގައި ހުރިހާ ހިނދަކު ޣައްޒާގައި ވެސް އަދި ހުޅަނގު އައްސޭރިފަށުގައި ވެސް ފަލަސްޠީނުގެ ދައުލަތެއް އުފެދުނަ ނުދޭނެ ކަމަށް ބުނެފިއެވެ.
ނަތަންޔާހޫ މި ވާހަކަ ދައްކާފައިވަނީ ޔުނައިޓެޑް އެރެބް ލިސްޓުގެ ލީޑަރު މަންސޫރު ޢައްބާސް ފަލަސްޠީނަކީ މިހާރު ވެސް ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގެންފައިވާ ދައުލަތެއް ކަމަށް ބުނެ އެމެރިކާ އާއި އިސްރާއީލުން ވެސް ފަލަސްޠީނު ބަލައިގަތުމަށް ގޮވައިލުމާ ގުޅިގެންނެވެ.
ޢައްބާސް ހޮނިހިރު ދުވަހު ޠައިބާގައި ބޭއްވި އޭނާގެ ޕާޓީގެ ޢާންމު ޖަލްސާގައި ވާހަކަ ދައްކަމުން ބުނީ އެ ޕާޓީން ބޭނުންވަނީ އިސްރާއީލާއި ފަލަސްޠީނާ ދެމެދު ޞުލްޙަ ޤާއިމުކުރުން ކަމަށެވެ. "ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު އެބައޮތް ދުނިޔެ ފަލަސްޠީނު ބަލައިގެންފައިވެސް ވޭ" ކަމަށް ޢައްބާސް ބުނެ ވޮޝިންޓަނާއި ޓެލް އަވީވުން ވެސް އެ ދައުލަތް ބަލައިގަތުމަށް ގޮވައިލާފައިވެއެވެ.
ނަތަންޔާހޫ ރައްދުގައި ބުނީ އޭނާ ބޮޑުވަޒީރުގެ މަޤާމުގައި ހުރިހާ ހިނދަކު އީރާނުގެ ބާރުގެ ދަށުގައި އޮންނަ ފަލަސްޠީނުގެ ދައުލަތެއް ޣައްޒާގައި ވެސް ޖުޑީއާ އެންޑް ސެމީރިއާގައި ވެސް ނޯންނާނެ ކަމަށެވެ. އޭނާ ހުޅަނގު އައްސޭރިފަށް ސިފަކޮށްފައިވަނީ ތައުރާތުގައި ބޭނުންކުރާ ނަމުންނެވެ.
މި ބަހުސް ހިނގާފައި މިވަނީ އޮކްޓޫބަރު 27 ގައި ބާއްވާ ކެނެސެޓުގެ އިންތިޚާބު ކައިރިވެފައި އޮތް ދަނޑިވަޅެއްގައެވެ. ރައުޔު ހޯދުންތަކުން ދައްކާ ގޮތުގައި ނަތަންޔާހޫގެ ލިކޫޑު ޕާޓީ އާއި އެ ޕާޓީގެ ކޯލިޝަން ބައިވެރިންނަށް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑި ހޯދެން ނެތް ކަމަށެވެ. މިހާރު 32 ގޮނޑި އޮތް ލިކޫޑު ޕާޓީއަށް ހުކުރު ދުވަހުގެ ޕޯލެއްގައި ލިބޭނެ ކަމަށް ދެއްކީ 20 ގޮނޑިއެވެ.
ޗެނެލް 13 އިން އޮގަސްޓް 19 ގައި ޝާއިޢުކުރި ރައުޔު ހޯދުމެއްގައި ލަފާކޮށްފައިވާ ގޮތުގައި ލިކޫޑާއި އެ ޕާޓީގެ ހަރުކަށި ކަނާތު ފިޔައާއި ދީނީ ހަރުކަށި ބައިވެރިންނަށް ޖުމްލަ ލިބޭނީ 51 ގޮނޑި ކަމަށް ބެލެވެއެވެ. އެއީ ޕާލަމެންޓްރީ އަޣުލަބިއްޔަތަށް ވުރެ 10 ގޮނޑި މަދު ޢަދަދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް