ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވިއްކިކަމުގެ ތުހުމަތުވާ މީހާއާ ދެކޮޅަށް ދައުވާ ނުކުރަން ނިންމައިފި

ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުމުގެ ތުހުމަތުގައި ދައުވާ އުފުލި މީހާގެ މައްޗަށް އެކަށީގެންވާ ހެއްކެއް ނެތުމާއި ބަންދުގައި ހޭދަކުރި މުއްދަތަށް ރިޢާޔަތްކޮށް އެ ދައުވާތައް އަނބުރާ ގެންގޮސްފައިވާ ކަމަށް ...

23 Aug 2026 | 11:08
ޕީޖީ އައްބާސް ޝަރީފު -- ފޮޓޯ: ރައީސް އޮފީސް

ޕީޖީ އައްބާސް ޝަރީފު -- ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުމުގެ ތުހުމަތުގައި ދައުވާ އުފުލި މީހާގެ މައްޗަށް އެކަށީގެންވާ ހެއްކެއް ނެތުމާއި ބަންދުގައި ހޭދަކުރި މުއްދަތަށް ރިޢާޔަތްކޮށް އެ ދައުވާތައް އަނބުރާ ގެންގޮސްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފިއެވެ.

މި މައްްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރީ ތ. ވިލުފުށި މޫނިމާގޭ އާދަމް އަދްނާން ލަތީފެވެ. މިދިޔަ އޭޕްރިލް މަހު އޭނާ ހައްޔަރު ކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް މެދުވެރިކޮށް ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކާ ކަމުގެ ތުހުމަތުގައި އެވެ.

އޭނާގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދެ ދައުވާއެއް ޕީޖީ އޮފީހުން އުފުލިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ފެންނަ ތަކެތި ވިއްކިކަން ނުވަތަ އެފަދަ ނެޓްވޯކަކާ އޭނާއާ ގުޅުމެއް އޮތްކަން ދައްކައިދޭ ހެއްކެއް ލިބިފައެއް ނުވެއެވެ. ހަމައެއާ އެކު ފެނުނު ތަކެއްޗަކީ ކުޑަކުދިންގެ އޮރިޔާން ކާޑުކަން ސާބިތުކޮށްދެވޭ ވަރުގެ ހެއްކެއް ވެސް ނެތް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވާއިރު އަދްނާން ވަނީ ބަންދުގައި 28 ދުވަސް ހޭދަކޮށްފައެވެ. އެހެންކަމުން އެ ކުށް ސާބިތުވީ ނަމަވެސް އިތުރަށް ތަންފީޒުކުރާނެ އަދަބެއް ނެތް ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

މި ސަބަބުތަކަށް ރިޢާޔަތްކޮށް ދައުވާ ކުރިއަށް ގެންދިއުމުގެ މަސްލަޙަތެއް ނެތް ކަމަށް ނިންމައި ޕީޖީ އޮފީހުން ވަނީ ދެ ދައުވާ ވެސް އަނބުރާ ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް