ނީލަމުގައި ވިއްކާލި މޭޒަށް ބަދަލު ގެނެސްފައި --
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަނީ ރާއްޖޭގެ އެއްވެސް ރައީސަކު ބޭނުންކުރެއްވި މޭޒެއް ނޫން ކަމަށް ރައީސުލްޖުމްހޫޜިއްޔާގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.
ދައުރުވަމުންދާ ފޮޓޯގައި ފެންނަނީ ދިވެހި ދައުލަތުގެ ނިޝާން ޖަހާފައިވާ ރައީސުންގެ ކޮޓަރިކޮޅުގައި ހުންނަ މޭޒެކެވެ. އެ މޭޒުގައި ޖަހާފައިވާ ނިޝާން ނައްޓާލާފައިވާ ކަމުގެ ފާހަގަ ފެންނަން ހުއްޓެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި މުންދު ވިދާޅުވީ އެ ފޮޓޯގައިވާ މޭޒަކީ ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުން ކުރެއްވި މޭޒެއް ނޫން ކަމަށެވެ. އޭނާ ވަނީ މިފަދަ ހަބަރުތައް މީޑިއާގައި ޖަހާއިރު ސައްހަ މައުލޫމާތު ނުހޯދައި ރައްޔިތުންނަށް ހަގީގަތް އޮޅޭފަދަ މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރައްވާފައި އެވެ.
ނަމަވެސް ދައުރުވަމުންދާ ފޮޓޯގައި ފެންނަ މޭޒަކީ އެ އޮފީހުން ނީލަމުގައި ވިއްކާލި މޭޒެއް ކަމަށް ވިދާޅުވި އެވެ. މުއްދު ވިދާޅުވީ އެ މޭޒު ނީލަންކީ ކަތުރުފަނި އެޅުމުން ބަލަހައްޓަށް އުނދަގޫވުމުގެ ސަބަބަުން ދައުލަތުގެ މުދާ ނީލަން ކިޔުމުގެ އުސޫލުގެ ދަށުން ކަމަށެވެ.

މުންދު އިތުރަށް ވިދާޅުވީ އެ އޮފީހުން ފަރުނީޗަރެއް ނީލަން ކިޔާނަމަ ދައުލަތުގެ ނިޝާން އެ އެއްޗަކުން ނައްޓާލާނެ ކަމަށެވެ. ދައުރުވަމުންދާ ފޮޓޯގައި ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން ބަދަލު ގެނެސް ކުރީގެ ރައީސުން ބޭނުން ކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް