އެއާއޭޝިއާ ފްލައިޓެއްގައި ދަތުރުވެރިއަކު ގޮނޑީގައި ބޮޑުކަމުދިޔަ މައްސަލައެއް - ފަސިންޖަރުންނަށް ޖެހުނީ ވަހަށް ކެތްކޮށްލަން

މެލޭޝިއާގެ ކޯޓާ ކިނަބާލޫއިން ޗައިނާގެ ޝަންހާއީއަށް ދަތުރުކުރި އެއާއޭޝިއާގެ ފްލައިޓެއްގައި އަންހެނަކު އިށީނދެ އިން ގޮނޑީގައި ބޮޑުކަމުދިޔަ ހާދިސާއެއް ހިނގައި އެ އެއާލައިނުން ބަޔާނެއް ނެރެފިއެވެ. އެއާއޭޝ...

22 Aug 2026 | 10:09
N/A

N/A

މެލޭޝިއާގެ ކޯޓާ ކިނަބާލޫއިން ޗައިނާގެ ޝަންހާއީއަށް ދަތުރުކުރި އެއާއޭޝިއާގެ ފްލައިޓެއްގައި އަންހެނަކު އިށީނދެ އިން ގޮނޑީގައި ބޮޑުކަމުދިޔަ ހާދިސާއެއް ހިނގައި އެ އެއާލައިނުން ބަޔާނެއް ނެރެފިއެވެ.

އެއާއޭޝިއާގެ ފްލައިޓް އޭކޭ1516 ކޯޓާ ކިނަބާލޫއިން ނައްޓައިލީ އޮގަސްޓް 18 ވަނަ ދުވަހުގެ ރޭގަނޑު 10:30 ހާއިރުއެވެ. ޝަންހާއީގެ ޕުޑޮންގް އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ޖެއްސީ ޖެހިގެން އައި ދުވަހުގެ ދަންވަރު ތިނެއް ޖެހި އިރުއެވެ. ބިމަށް ތިރިކުރުމުގެ ގާތްގަނޑަކަށް 40 މިނެޓު ކުރިން މުޅި ކެބިންތެރެއަށް ނުބައި ވަހެއް ފެތުރި ނިދާފައި ތިބި ގިނަ ދަތުރުވެރީން ހޭލެވުނެވެ. ޖައްސާ ގަޑިއާ ކައިރިވުމުން ގަވާއިދާ އެއްގޮތަށް އެއާކޮންޑިޝަނިން ނިވައިލާފައި ހުރުމުން ބާކީ ދަތުރު ނިމެންދެން ދަތުރުވެރީން ތިބެން ޖެހުނީ އެ ވަހުގައެވެ.

އެ އަންހެން މީހާ ކައިރީގައި އިން ދަތުރުވެރިއެއް އޮގަސްޓް 20 ވަނަ ދުވަހު މީޑިއާއާ ވާހަކަ ދައްކަމުން ބުނީ އެ އަންހެން މީހާ ދަތުރުކުރީ ދެ ދަރީންނާ އެކު ކަމަށެވެ.
"އެ މީހާ އަތުގައި ދަބަހެއް ހިފައިގެން ފާހާނާއާ ދިމާލަށް ހަލުވިކޮށް ދާ ތަން ފެނުނު. ދެން ނުބައި ވަހެއް ދުވަން ފެށީ" އެ ދަތުރުވެރިޔާ ކިޔައިދިނެވެ. ފުރަތަމަ ދަތުރުވެރީން ހީކުރީ ހޮޑުލެވުނީ ކަމަށެވެ. ނަމަވެސް ވަސް ފެތުރެމުން ދިޔައިރު ގޮނޑީގެ މަތީގައާއި ހިނގާ ތަނުގެ ދޫލައިގައި ނަޖިސް ހުރި މަންޒަރު ފެނުނެވެ. އެ އަންހެން މީހާ ބުނި ކަމަށް ރިޕޯޓުތައް ބުނަނީ ބައްޔެއްގެ އުނދަގޫ ކުރީ ކަމަށެވެ. އެ ސަރަހައްދުގައި ހުރި ދަތުރުވެރިއެއް ފާހަގަކުރި ގޮތުގައި ފާހާނާ ހުރީ ފަސް މީޓަރަށްވުރެ ކައިރީގައެވެ. އަދި އެ ވަގުތު ޖައްސާތީ ފާހާނާ ބަންދުކޮށްފައެއް ނުވެއެވެ.

އޮގަސްޓް 21 ވަނަ ދުވަހު އެއާއޭޝިއާއިން ނެރުނު ބަޔާނުގައި ބުނީ ފްލައިޓް ޖެއްސުމުގެ ކުރިން ހިނގާ ތަނުގައި އާންމު ނޫން ސާފުތާހިރުކަމުގެ މައްސަލައެއް ދިމާވި ކަމަށެވެ. ކެބިން ކުރޫ ތުވާއްޔާއި އަންގި ބޭނުންކޮށްގެން ވީ ވަރަކުން އެ ސަރަހައްދު ސާފުކުރިއެވެ. ޖެއްސުމާ އެކު ކެޕްޓަނާއި ބިމުގައި ތިބި މުވައްޒަފުންނާ ގުޅައި ދަތުރުވެރީން ފޭބި ފަހުން ފުރިހަމަ ސާފުކުރުމާއި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ނިންމައިފައިވެއެވެ. ފުރަތަމަ ދަތުރުގެ ކެބިންގެ ހާލަތާ ބެހޭ މައުލޫމާތު ރިޓާން ފްލައިޓުގެ ކުރޫއަށް ވެސް ދީފައިވެއެވެ.

ޗައިނާގެ ދަ ޕޭޕާއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެއާއޭޝިއާ ޗައިނާގެ ޖެނެރަލް މެނޭޖަރު ފްރެންކް ޓެންގް ޓީންގް ވަނީ ކެބިން ކުރޫން "ޕްރޮފެޝަނަލް ހަލުވި ފިޔަވަޅު އެޅީތީ" ތައުރީފުކޮށްފައެވެ. ޓެންގް ބުނީ "ހާއްސަ ހާލަތެއް ދިމާވި ނަމަވެސް ކުރޫ ސަމާލުކަން ދިނީ ދަތުރުވެރީންގެ ރައްކާތެރިކަމާއި ދަތުރުގެ ތަޖުރިބާ ހެޔޮ ކުރުމަށް" ކަމަށެވެ. މި ހާދިސާ ހިނގި ސީދާ ސަބަބާ ގުޅޭ ގޮތުން އެއާއޭޝިއާއިން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް