ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ހޯދި މައްސަލައިގައި ޓިކްޓޮކުން 400 މިލިއަން ޑޮލަރު ދައްކައިފި

ކުޑަކުދިންގެ ޕްރައިވެސީއާ ގުޅޭ ޤާނޫނާ ޚިލާފުވެގެން އެމެރިކާ ސަރުކާރުން ޓިކްޓޮކާ ދެކޮޅަށް ހުށަހެޅި ދައުވާ ނިންމައިލުމުގެ ގޮތުން 400 މިލިއަން ޑޮލަރު ދެއްކުމަށް އެ ކުންފުނިން އެއްބަސްވެއްޖެއެވެ. މި ދައުވ...

22 Aug 2026 | 06:44
ޓިކްޓޮކުން ވަނީ ކުޑަކުދިންގެ ޒާތީ މައުލޫމާތު ހޯދި މައްސަލައިގަ ޖޫރިމަނާއަށް އެެއްބަސްވެފައި --

ޓިކްޓޮކުން ވަނީ ކުޑަކުދިންގެ ޒާތީ މައުލޫމާތު ހޯދި މައްސަލައިގަ ޖޫރިމަނާއަށް އެެއްބަސްވެފައި --

ކުޑަކުދިންގެ ޕްރައިވެސީއާ ގުޅޭ ޤާނޫނާ ޚިލާފުވެގެން އެމެރިކާ ސަރުކާރުން ޓިކްޓޮކާ ދެކޮޅަށް ހުށަހެޅި ދައުވާ ނިންމައިލުމުގެ ގޮތުން 400 މިލިއަން ޑޮލަރު ދެއްކުމަށް އެ ކުންފުނިން އެއްބަސްވެއްޖެއެވެ.

މި ދައުވާއަކީ 2024 ވަނަ އަހަރު ކުރީގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ހުށަހެޅި ދައުވާއެކެވެ. ޓިކްޓޮކާއި އެ ކުންފުނީގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސުން ޢުމުރުން 13 އަހަރު ނުފުރޭ އެތައް މިލިއަން ބޭނުންކުރާ ފަރާތެއްގެ ގިނަ އަދަދެއްގެ ޑޭޓާ އެއްކުރި ކަމަށް ތުހުމަތުކޮށް ހުށަހެޅި މި ދައުވާގައި ބުނީ 2000 ވަނަ އަހަރު ފާސްކުރި ޗިލްޑްރެންސް އޮންލައިން ޕްރައިވެސީ ޕްރޮޓެކްޝަން އެކްޓް (ކޮޕާ) އާ އެ ކުންފުނި ޚިލާފުވެފައިވާ ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ޓިކްޓޮކާއި ބައިޓްޑާންސުން ވަގުތުން ޑީއޯޖޭއަށް 300 މިލިއަން ޑޮލަރު ދައްކާނެއެވެ. ބާކީ 100 މިލިއަން ޑޮލަރު ދައްކާނީ ފެޑެރަލް ޓްރޭޑް ކޮމިޝަނާ އެކު 2019 ވަނަ އަހަރު ހެދި ކޮންސެންޓް ޑިކްރީއެއް ސަރުކާރުން ބާތިލުކުރުމުންނެވެ. އެ ކޮންސެންޓް ޑިކްރީގެ ދަށުން ބައިޓްޑާންސްގެ ކުރީގެ ކުންފުނި މިއުޒިކަލީ.އެލްވައި ކޮޕާ ޤާނޫނާ ޚިލާފުވެގެން 5.7 މިލިއަން ޑޮލަރު ޖޫރިމަނާ ދައްކައި 13 އަހަރު ނުފުރޭ ކޮންމެ ބޭނުންކުރާ ފަރާތެއްގެ ބެލެނިވެރިންގެ ހުއްދަ ހޯދަން ޖެހުނެވެ.

"ޗިލްޑްރެން އެންޑް ޕެއަރެންޓްސް އާ ބެޓާ ޕްރޮޓެކްޓެޑް ޓުޑޭ ދެން ދޭ ވާ ވެން ދިސް ކޭސް ބިގޭން" އެސިސްޓެންޓް އެޓާނީ ޖެނެރަލް ބްރެޓް ޝޫމޭޓް ބުންޏެވެ.

ޖަސްޓިސް ޑިޕާޓްމެންޓުން ބުނި ގޮތުގައި ދައުވާ ހުށަހެޅި ފަހުން ޓިކްޓޮކަށް ވެރިކަމުގެ އޮނިގަނޑާއި ޕްރައިވެސީ އުސޫލުތަކާއި ޒުވާން ބޭނުންކުރާ ފަރާތްތަކަށް ޚާއްޞަ ކޮންޓްރޯލްތައް ހިމެނޭ ގޮތުން ބޮޑެތި ބަދަލުތައް އައިސްފައިވެއެވެ. ދައުވާ ހުށަހެޅިއިރު 170 މިލިއަނަށް ވުރެ ގިނަ ފުރާވަރު ކުދިން ޓިކްޓޮކް ބޭނުންކުރާ ކަމަށާއި އެ އެޕަކީ ކުޑަކުދިންނަށް އަމާޒުކޮށްފައިވާ ޕްލެޓްފޯމެއް ކަމަށް ބުނެފައިވީ ނަމަވެސް ބޭނުންކުރާ ފަރާތުގެ ޢުމުރު ކަށަވަރުކުރުމާއި ބެލެނިވެރިންގެ ހުއްދަ ހޯދުމުގެ ނިޒާމު ރަނގަޅު ނޫން ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ކޮޕާ ޤާނޫނާ ޚިލާފުވެގެން ކުރިން އެހެން ބޮޑެތި ކުންފުނިތައް ވެސް ޖޫރިމަނާ ދައްކާފައިވެއެވެ. ގޫގުލްގެ ޔޫޓިއުބުން 2019 ގައި 170 މިލިއަން ޑޮލަރު އަދި އެޕިކް ގޭމްސް އިން 2022 ގައި 275 މިލިއަން ޑޮލަރު ދައްކާފައިވެއެވެ. މީގެ އިތުރުން އެމެރިކާގެ 29 ސްޓޭޓެއްގެ އެޓާނީ ޖެނެރަލުން މެޓާއާ ދެކޮޅަށް ވެސް ކޮޕާ ޤާނޫނާ ޚިލާފުވި ކަމަށް ބުނެ ދައުވާކޮށްފައިވާއިރު އެ ދައުވާގެ ޖޫރީ ޝަރީޢަތް މި ހަފުތާގައި ފެށިފައިވެއެވެ. މެޓާއަށް އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ޖޫރިމަނާ އައުމުގެ ފުރުޞަތު އެބައޮތެވެ.

2024 ވަނަ އަހަރު ބައިޑެން ޓިކްޓޮކް މަނާކުރުމަށް ނުވަތަ އެ ކުންފުނީގެ އެމެރިކާ ވިޔަފާރި ވިއްކާލުމަށް ބާރު އެޅުއްވިއެވެ. ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް ވިއްކާލުމަށް ތާއީދުކޮށް ފާއިތުވި އަހަރު އެ ބަދަލު ގެނެވުނެވެ. މިހާރު ޓިކްޓޮކްގެ އެމެރިކާ ވިޔަފާރީގެ 81 އިންސައްތަ ހިއްސާ އިންވެސްޓަރުންގެ ކޮންސޯޓިއަމެއްގެ އަތުގައި އޮންނައިރު ބައިޓްޑާންސް އަތުގައި 19 އިންސައްތަ ހިއްސާ އޮތެވެ. ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ހިންގާ ބައިޓްޑާންސްގެ އެންމެ ފަހުގެ ވެލުއޭޝަނަކީ 550 ބިލިއަން ޑޮލަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް