އިމްރާން ހާން --
ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ އެންގުމަކާ ގުޅިގެން އިސްލާމާބާދުގެ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލުގައި ޞިއްޙީ ތަހުލީލުތައް ހެދުމަށްފަހު ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ރާވަލްޕިންޑީގެ އާދިއާލާ ޖަލަށް އަނބުރާ ބަދަލުކޮށްފިއެވެ.
ޢުމުރުން 73 އަހަރުގެ އިމްރާން ޚާނަކީ ޕާކިސްތާން ތެހެރީކޭ އިންސާފް (ޕީޓީއައި) ގެ ބާނީއެވެ. ބޮޑު ފުލުހުންގެ ސެކިއުރިޓީ ފައުޖެއް ބޭނުންކޮށްގެން އެ ހޮސްޕިޓަލަށް ގެންދިޔައީ ސުޕްރީމް ކޯޓުގެ ތިން މެންބަރުންގެ ބެންޗަކުން ޚާއްޞަ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އެންގުމާ ގުޅިގެންނެވެ.
ޑޮކްޓަރުންގެ ޕެނެލަކުން ތަހުލީލުކުރުމަށްފަހު ޙާލު ރަނގަޅުކަމަށް ނިންމައި އަލުން ޖަލަށް ގެންދިޔައީއެވެ. އިމްރާން ޚާންގެ ޞިއްޙީ ޙާލަތާ މެދު ކަންބޮޑުވުން ބޮޑުވީ ކަނާތު ލޮލުގެ ފެނުން ގެއްލެމުންދާ ކަމުގެ ރިޕޯޓުތަކާ ގުޅިގެންނެވެ. ރެޓީނާ ވެއިންގެ ލޭ ދައުރުވުމަށް ހުރަސް އެޅޭ ސެންޓްރަލް ރެޓިނަލް ވެއިން އޮކްލޫޝަން ކިޔާ ބައްޔެއް ޖެހިފައިވާ ކަމަށް ބުނެއެވެ.
ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން އިމްރާން ޚާންގެ ޤާނޫނީ ޓީމާއި ސަޕޯޓަރުން ތަކުރާރުކޮށް ގޮވާލަމުން ދިޔައީ ޖަލުގައި ހުންނެވިއިރު ޞިއްޙީ ޙާލު ދަށްވަމުންދާ ކަމަށް ބުނެ ފަރުވާ ލިބިދިނުމަށެވެ.
ސުޕްރީމް ކޯޓުން ވަނީ ހަފުތާއަކު އެއް ފަހަރު ޢާއިލާ ބައްދަލުވުމަށް ފުރުސަތު ދިނުމަށް ވެސް އަންގައިފައެވެ. ނުވަ މަސް ދުވަހު ޢާއިލާއާ ބައްދަލުވުން ހުއްޓުވާފައި އޮތް އޮތުން މީގެ ސަބަބުން ލުއިވެގެން ދިޔައެވެ. ބުދަ ދުވަހު ޚާންގެ ދައްތަ ނޫރީން ނިޔާޒީ ޖަލުގެ ކޮންފަރެންސް ރޫމުގައި ގާތްގަނޑަކަށް 15 މިނެޓު ބައްދަލުކުރިއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާއި ޤާނޫނީ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ދައްތައިންގެ ތެރެއިން ޢަލީމާ އާއި އުޒުމާ ޚާން ވެސް ޖަލަށް ދިޔަ ނަމަވެސް ވަންނަން ހުއްދަ ނުލިބުނު ކަމަށް ބުނެއެވެ. ހަމައެއާ އެކު ޚާން ވަނީ އެ ޖަލުގައި ހުންނެވި އަނބިކަނބަލުން ބުޝްރާ ބީބީއާ 30 އާއި 35 މިނެޓާ ދެމެދުގެ ބައްދަލުވުމެއް ބާއްވާފައެވެ. ބުޝްރާ ވަނީ އެއަށް ވުރެ ކުރިން ދަރީންނާއި ޢާއިލާގެ އެހެން މެންބަރުންނާ ބައްދަލުކޮށްފައެވެ.
2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އާދިއާލާ ޖަލުގައި ބަންދުކޮށްފައި ހުންނެވި އިމްރާން ޚާނަށް ކޮރަޕްޝަނާއި ދައުލަތުގެ ސިއްރު މަޢުލޫމާތާ ގުޅޭ މައްސަލަތައް ހިމެނޭ ގޮތުން އެތައް ދައުވާއެއް ކުރެއެވެ. އެ ހުރިހާ ތުހުމަތެއް ދޮގުކުރައްވައި އެއީ ސިޔާސީ ގޮތުން ފިއްތައިލުމަށް ހިންގާ ކަންކަން ކަމަށް ޚާން ދެކެވަޑައިގަންނަވައެވެ.
ޕީޓީއައިގެ ވެރީން ސުޕްރީމް ކޯޓުގެ ނިންމުމަށް މަރުޙަބާ ކިޔަމުން ވެސް ބުނަމުން ދަނީ ޕާޓީގެ ހުރިހާ ޑިމާންޑެއް ދެމި އޮތް ކަމަށެވެ. ޕީޓީއައިން ގޮވާލަނީ ޚާނަށް ފުރިހަމަ ޤާނޫނީ ޙައްޤުތައް ކަށަވަރުކޮށްދީ ޢާއިލާ ބައްދަލުވުމަށް ގަވާއިދުން ފުރުސަތު ދީ ޖަލުން މިނިވަންކުރުމަށެވެ. ކޯޓު މެދުވެރިކޮށް ހުކުމްތައް ބާތިލުކުރުމުގެ ޤާނޫނީ މަސައްކަތް ޕީޓީއައިން ކުރިއަށް ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް