އަލަމްގީރު --
ބަންގުލަދޭޝްގެ ޕާލަމެންޓުން އެ ޤައުމުގެ ވެރިކަންކުރާ ބަންގުލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ތަޖުރިބާކާރު ލީޑަރު މިރުޒާ ފަޚުރުލް އިސްލާމް އަލަމްގީރު އެ ޤައުމުގެ އައު ރައީސް ކަމަށް ބުރާސްފަތި ދުވަހު އިންތިޚާބުކޮށްފިއެވެ.
ޢުމުރުން 78 އަހަރުގެ އަލަމްގީރު ރައީސް ކަމަށް ހޮވުނީ ޕާލަމެންޓުގެ 255 ވޯޓު ލިބިގެން 88 ވޯޓު ހޯދި ވާދަވެރި ކެންޑިޑޭޓް އޮލީ އަޙުމަދުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޢުމުރުން 84 އަހަރުގެ އޮލީ އަޙުމަދަކީ ރިޓަޔާޑް އާމީ ކާނަލެއް ކަމަށް ވާއިރު އޭނާ ނެރުނީ ޖަމާޢަތެ އިސްލާމީ އިސްވެ އޮތް 11 ޕާޓީގެ އިދިކޮޅު އިއްތިހާދުންނެވެ. އޮލީ އަޙުމަދަކީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަނެވެ.
ވޯޓުގެ ކުރިން ދެއްވި ބަޔާނެއްގައި އަލަމްގީރު ބުނީ "އަހަރެން ހުވަފެން ދެކެނީ ހިތްހަމަޖެހޭ ކާމިޔާބު އަދި ރައްޔިތުންގެ ލާބައަށް މަސައްކަތްކުރާ ދައުލަތެއް ބިނާވުން ކަމަށެވެ. އެއީ ހާލުގައި ޖެހިފައިވާ މީހުންނާއި ބުރަ މަސައްކަތްކުރާ ފަރާތްތަކާއި ދުވަހު މަސައްކަތުން އާމްދަނީ ހޯދާ މީހުންނަށް ދުވާލެއްގެ ދެ ކެއުން ލިބޭ ދައުލަތެއް" ކަމަށެވެ.
ބަންގުލަދޭޝްގައި ކުރީގެ ރައީސް މުޙައްމަދު ޝާހަބުއްދީން މަޤާމުން އިސްތިޢުފާ ދިނީ މި ދައުރު ނިމުމުގެ ދެ އަހަރު ކުރިން ޖުލައި 24 ގައި ބަލި ހާލަތު ހުރި ގޮތުން ކަމަށް ބުނެއެވެ. ޝާހަބުއްދީނަކީ 2023 ގައި ޝޭޚ ހަސީނާގެ އަވާމީ ލީގު ވެރިކަމުގެ ބާރު އެންމެ ގަދަ ދުވަސްވަރު ރައީސް ކަމަށް އިންތިޚާބުވި ފަރާތެކެވެ. ހަސީނާގެ ގާތް ބައިވެރިއެއްގެ ގޮތުގައި ހުންނެވި ޝާހަބުއްދީނަށް އިދިކޮޅު ފަރާތްތަކުން އިސްތިޢުފާ ދިނުމަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރިއެވެ. ޤާނޫނުއަސާސީ ބުނާ ގޮތުން ރައީސް ކަން ހުސްވާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި އައު ރައީސެއް ހޮވަން ޖެހެއެވެ.
އަލަމްގީރު 1990 ގެ ކުރީ ކޮޅު ބީއެންޕީއާ ގުޅުނީ ޑާކާ ޔުނިވާސިޓީގައި އިޤުތިޞާދު ކިޔަވަމުން ސިޔާސީ މައިދާނަށް ނުކުތުމަށް ފަހުގައެވެ. ޕާކިސްތާނުގެ ޢަސްކަރީ ވެރިކަމާ ދެކޮޅު 1969 ގެ ބޮޑު އިންތިފާޟާގައި ދަރިވަރުންގެ އިސް ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށް ހަސީނާގެ ވެރިކަމުގެ ދައުރުގައި ޤައުމީ ފެންވަރުގައި އެންމެ މަޝްހޫރު ލީޑަރުންގެ ތެރޭގައި ހިމެނުނެވެ. އެ ދައުރުގައި ތަކުރާރުކޮށް ހައްޔަރުކުރެވުނީ ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ބުނެއެވެ. އެންމެ ފަހުން ދެ ދުވަހެއް ކުރިން ސައިވި މަޤާމަކީ ލޯކަލް ގަވަމެންޓް މިނިސްޓަރު ކަމެވެ. މީގެ އިތުރުން ދަނޑުވެރިކަމާއި އެވިއޭޝަނާއި ޓޫރިޒަމް ހިމެނޭ ގޮތަށް ތަފާތު ވުޒާރާތަކުގެ ވެރިކަން ކޮށްފައިވެއެވެ.
2024 ގައި ޒުވާނުންގެ ބޮޑެތި މުޒާހަރާތަކަށް ފަހު ޝޭޚ ހަސީނާގެ އަވާމީ ލީގު ސަރުކާރު ވެއްޓި ހަސީނާ ޤައުމު ދޫކޮށް އިންޑިއާއަށް ދިޔައެވެ. ބީއެންޕީ ފެބްރުއަރީ 12 ގެ ޢާންމު އިންތިޚާބުގައި ޕާލަމެންޓުގެ ތިންބައިކުޅަ ދެބައިގެ ބޮޑު އަޣުލަބިއްޔަތެއް ހޯދައި ތާރިޤް ރަހުމާން ބޮޑުވަޒީރު ކަމަށް އިންތިޚާބުކުރިއެވެ. ބަންގުލަދޭޝްގެ ރައީސް ކަމަކީ ބޮޑެތި ތަންފީޒީ ބާރުތައް ލިބިގެންނުވާ ރަމްޒީ މަޤާމެއް ނަމަވެސް ދައުލަތުގެ އެންމެ އިސް ވެރިޔާ އަދި ސިފައިންގެ ކޮމާންޑާ އިން ޗީފްގެ ޙައިޘިއްޔަތު ލިބިގެންވާ މަޤާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް