ނާފިއުގެ އާއިލާ އާއި މިނިސްޓަރާއި ކޮމިޝަނަރު ބައްދަލު ކުރައްވަނީ -- ފޮޓޯ: ޕޮލިސް
ހުވަދޫ ކަނޑުގައި ދޯންޏެއް ފެތުނު ހާދިސާގައި ގެއްލުނު ފުލުހުންގެ ސާޖަންޓް ޢަލީ ނާފިއުގެ މައިންބަފައިންނާ ބައްދަލުކުރެއްވުމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އަޙުމަދު މުޙައްމަދު މިއަދު ނ. މަނަދުއަށް ވަޑައިގެންފިއެވެ.
ނާފިއުގެ ޢާއިލާއަށް ހިތްވަރު ދެއްވުމުގެ ގޮތުން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު އިޙުސާން ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޢާއިލާއަށް ޚާއްޞަ މެސެޖެއް ރައްދުކޮށްދެއްވައިފައެވެ. ޤައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނާފިއު ގެއްލުމާ ގުޅިގެން ކުރިމަތިވެފައިވާ ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާ ކަމަށް ކޮމިޝަނަރު ވިދާޅުވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހާލުގައި ޖެހިފައި ތިބި ބަޔަކަށް އެހީތެރިވުމަށް ނުކުމެ ނާފިއު ދެއްކެވި ހިތްވަރަކީ ފުލުހުން އުފުލާ ބުރަ މަސްއޫލިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް ކޮމިޝަނަރު ވިދާޅުވި ކަމަށާއި ނާފިއު ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ހެޔޮދުޢާ އަބަދުވެސް ޢާއިލާއާ އެކު ވާނެ ކަމުގެ ޔަޤީންކަން ދެއްވި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ގެއްލުނު މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ވަރަށް ގާތުން ބަލައި ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު އިޙުސާން ވެސް ޢާއިލާއަށް ދެއްވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ ކުރިން މި މަހުގެ 12 ވަނަ ދުވަހު ކޮމިޝަނަރާއި މިނިސްޓަރު ވަނީ ނާފިއުގެ އަނބިކަނބަލުންނާއި ދަރިފުޅާ ވެސް ބައްދަލުކުރައްވައިފައެވެ.
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ދަންވަރު ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި ކަނޑު އަޑިއަށް ފެތުނު ހާދިސާގައި ގެއްލިފައި ވަނީ ނާފިއުގެ އިތުރުން ދޯނީގެ ކައްޕި މުޙައްމަދު ޙަމްދޫނާއި އެމްއެންޑީއެފްގެ އިބްރާހީމް އަޙުމަދެވެ.
ތ. މަޑިފުށިން ހުވަދު އަތޮޅަށް މިސްރާބު ޖެހި މި ދޯނީގައި ކައްޕި ޙަމްދޫނާ އެކު ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހަކު ތިބި އިރު ޙަމްދޫން ފިޔަވައި ދޯނީގައި ތިބި އެންމެން ސަލާމަތްވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް