އިނގުރައިދޫ ކައުންސިލް ރައީސް -
ގުޅިގެން ހިންގާ ހަރަކާތްތަކުގައި ކުރިޔަށް އޮތް ތާނގައިވެސް ރ. އިނގުރައިދޫ ފެނިގެންދާނީ ބަދަހިކޮށް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން މިހެން ބުނީ އިއްޔެ ނިމުނު އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ. އަތޮޅު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރ. ދުވާފަރު އަތުން ބަލިވި މެޗަށް ފަހު ނެރުނު ޝުކުރުގެ މެސެޖެއްގައި އެވެ. މި މުބާރާތް ކުރިޔަށް ދިޔައީ އިނގުރައިދޫގައި އެވެ.
އިނގުރައިދޫ ކައުންސިލުން ބުނީ އުންމީދަކީ ކުރިޔަށް އޮތްތާ ބާއްވާ އެފަދަ މުބާރާތްތަކުގައި އަތޮޅުގެ އެހެން ރަށްތަކާއި އިނގުރައިދޫ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އަދި މިފަދަ ކޮންމެ ހަރަކާތެއްގައި އިނގުރައިދޫ ރައްޔިތުންނާއި އެކި ޖަމިއްޔާތައް ޝާމިލްކޮށްގެން މަސައްކަތް ކުރުމަކީ އަމާޒެއް ކަމަށެވެ.
ކައުންސިލުން ވަނީ ފައިނަލުގައި އިނގިރައިދޫ ފުޓުބޯޅަ ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ސާބަސް ދީފައި އެވެ. އެ އިދާރާއިން ވަނީ ނިމުނު ރ. އަތޮޅު ޗެމްޕިއަންޝިޕް އެ ރަށުގައި ކުރިޔަށް ގެންދިއުމަށް އެކި މުއައްސަސާތަކުން އިސް ނަގައިގެން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައި އެވެ.
އެގޮތުން އިނގުރައިދޫ ޕޮލިސް، އަންހެނުންގެ ކޮމިޓީ، ސެކިއުރިޓީގެ ކަންކަމަށް އެކުލަވާލި ކޮމިޓީ، އިނގުރައިދޫ ސްކޫލް، ރ. އަތޮޅު އޮފީސް، ވޮއިސް، އިނގުރައިދޫ ފެނަކަ އަދި ކައުންސިލާއި ސިއްހީ މަރުކަޒު ހިމެނެ އެވެ. ހާއްސަ ޝުކުރެއް ރަށުގެ ހުރިހާ ރައްޔިތުންނަށް އަދާކޮށްފައިވެ އެވެ.
މީގެ އިތުރުން އިނގުރައިދޫ ކައުންސިލުން ވަނީ ދުވާފަރު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ފައިނަލް މެޗުގައި ފެނިގެން ދިޔަ އެއްބައިވައްތަކަމާއި އެކުވެރިކަމަށް ޝުކުރު އަދާކޮށްފައި އެވެ.
އިއްޔެގެ ފައިނަލް މެޗުން ދުވާފަރު މޮޅުވީ 3-1 އިން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް