އެޗްޑީސީ ހެޑް އޮފީސް --
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އިދާރީ ޚަރަދުތަކުން %12.2 ކުޑަކޮށް އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 2.01 ބިލިއަން ރުފިޔާ ހޯދައިފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހު ޝާއިޢުކުރި އެ ރިޕޯޓުގައި އެޗްޑީސީގެ މާލީ ހިސާބުތަކަށް "ކްލީން އޮޕީނިއަން" އެއް ދީފައިވެއެވެ. އެއީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ހިސާބުތައް ތައްޔާރުކޮށްފައިވާކަން ކަށަވަރުކޮށްދޭ ރައުޔެކެވެ.
2023 ވަނަ އަހަރު 6.53 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނު ނަމަވެސް 2024 ވަނަ އަހަރު އެ ޢަދަދު 3.54 ބިލިއަން ރުފިޔާއަށް ވެއްޓި %45.8 ގެ ދަށްވުމެއް ރެކޯޑުކުރެވިފައިވެއެވެ. އެހެންނަމަވެސް އެ ކުންފުނީގެ އިންވެސްޓްމަންޓް ޕްރޮޕަޓީތަކުގެ އަގަށް އައި ބަދަލުގެ ސަބަބުން 1.36 ބިލިއަން ރުފިޔާ ލިބުމާ އެކު ސާފު ފައިދާ ދެ ބިލިއަނަށް ވުރެ މައްޗަށް އެރީއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ބިންތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ދައްކަންޖެހޭ 2.20 ބިލިއަން ރުފިޔާ ހިމެނޭހެން ސަރުކާރުގެ އެކި އިދާރާތަކުން ބޮޑެތި ޢަދަދުތަކެއް 2024 ވަނަ އަހަރު ނިމުނުއިރު ވެސް ނުލިބި އޮތެވެ.
އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ނިމުނުއިރު އެޗްޑީސީގެ ޖުމްލަ އެސެޓްސްގެ އަގު 45.15 ބިލިއަން ރުފިޔާއަށް އެރީ އިރު ރައުސްމާލު ވެސް 30.44 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް