ޔަޒްމީދު މުހައްމަދު -- ފޮޓޯ: ޕެންޝަން އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު މުޙައްމަދު މިއަދު އައްޔަނުކޮށްފިއެވެ.
ޕެންޝަން އޮފީހުން މިއަދު ވަނީ ޔަޒްމީދުއަށް ރަސްމީކޮށް މަރުހަބާ ކިޔާފައި އެވެ. އެ އޮފީހުން ބުނީ މި މަގާމުގެ ރަސްމީ މަސައްކަތް ޔަޒްމީދު ފައްޓަވާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު އައްޔަން ކުރެއްވީ ފަސް އަހަރުގެ މުއްދަތަށެވެ.
ޔަޒްމީދު އެންމެ ފަހުން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ޖޭއެސްސީގައެވެ. އެ މަގާމުން ޔަޒްމީދު އިސްތިއުފާ ދެއްވީ މިދިޔަ މެއި މަހު އެވެ.
ޔަޒްމީދަކީ އޭސީސީއޭ ސެޓިފައިޑް ޗާޓާޑް އެކައުންޓެންޓެކެވެ. މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޙާޞިލުކުރެއްވި އިރު އޮކްސްފޯޑު ބްރޫކްސް ޔުނިވާސިޓީން ފަސްޓް ކްލާސް އޮނާސް ޑިގްރީއެއް ވެސް ވަނީ ހޯއްދަވައިފައެވެ.
ފައިނޭންސް ގަވަނަންސް އޮޑިޓިން އެންޓި ކޮރަޕްޝަން އިންވެސްޓްމެންޓް އަދި ސްޓްރެޓެޖިކް މެނޭޖްމެންޓުގެ ދާއިރާއިން ޕަބްލިކް ސެކްޓަރުގައި ދިގު މުއްދަތެއްގެ ތަޖުރިބާއެއް ޔަޒްމީދު ހޯއްދަވާފައިވެއެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަން ވެސް ޔަޒްމީދު އަދާކުރައްވާފައިވެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް