އެމްޓީސީސީގެ އިންޖިނިއަރުންތަކެއް މަސައްކަތުގައި -- ފޮޓޯ: އެމްޓީސީސީ
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅަށް އިތުރު އެއް ހަފްތާގެ މުއްދަތެއް ދީފި އެވެ.
އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ބުނީ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު މިހާރު ހަމަވާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގައި ކަމަށެވެ. ކުރިން އެ މުއްދަތު ހަމަވާ ގޮތަށް އޮތީ މިއަދު އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ހުޅުވައިލި މި ފުރުސަތުގެ ދަށުން އެވޯޑާ ބެހޭ އުސޫލުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކުރިމަތިލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އެވޯޑަށް އެދި ހުށަހެޅުމަށް ބޭނުންކުރާ ލިންކަކީ mv.gov.infrastructure.awards އެވެ.
ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އިންޖިނިއަރިން ދާއިރާގެ ކުންފުނިތަކާއި ފާމުތަކާއި ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުންނަށް ވެސް މި އެވޯޑަށް ކުރިމަތިލެވޭނެއެވެ. ހަމައެހެންމެ މަޝްރޫޢުތައް ހިންގާ ޕްރޮޖެކްޓް ޓީމުތަކާއި ތައުލީމީ ދާއިރާގެ ދިރާސާ ޓީމުތަކަށް ވެސް މި ފުރުސަތު ހުޅުވައިލާފައިވެއެވެ.
އެ އުސޫލުގެ ދަށުން ޖުމްލަ 10 ދާއިރާއަކުން އެވޯޑު ދިނުމަށް ހަމަޖެހިފައިވެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޖިނިއަރުންގެ ދުވަހެއް ފާހަގަކުރައްވާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ޖޫން 15 ވަނަ ދުވަހުއެވެ.
ދިވެހި އިންޖިނިއަރުން ޤައުމަށް ކޮށްދެމުންދާ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކޮންމެ އަހަރެއްގެ އޮގަސްޓް 30 ވަނަ ދުވަހު އެ ދުވަސް ފާހަގަކުރައްވައި އެވޯޑު ދެއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް