އަހުމަދު އަބްދުﷲ އައްޑޫގައި ބޭއްވި ޝާހިދުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވަނީ -- ފޮޓޯ: ދުވަސް
އެމްޑީޕީގެ ޑިޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވައި ޕާޓީގެ ޗެއާޕާސަނަށް ފޮނުއްވި ސިޓީ އޭނާ ވަނީ ސޯޝަލް މީޑިއާގައި އާންމު ކުރައްވާފައި އެވެ.
އެ ސިޓީގައި އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދޭން ނިންމީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވުމަށް ކަމަށެވެ. ޝާހިދު އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އެވެ.
އަހުމަދު އަބްދުﷲގެ ސިޓީގައި އިތުރަށް ވިދާޅުވީ ޕާޓީގެ ރައީސް، ނައިބު ރައީސް، ޗެއާޕާސަން އަދި ޑެޕިއުޓީ ޗެއާޕާސަނުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަކީ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަކަމާއެކު އިންސާފުވެރިކޮށް ކަންކަން ކޮށްދޭންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.
އެހެންކަމުން ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިނުގައި ސީދާ ބައިވެރިވެވަޑައިގަންނަވާތީ، މަގާމުގެ މަސްއޫލިއްޔަތާއި މަސްލަހަތު ފުށުއަރާނެތީ އިސްތިއުފާ ދެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަހުމަދު އަބްދުﷲ ގެ އިތުރުން ޝާހިދުވެސް ވަނީ ޕްރައިމަރީގައި ވާދަ ކުރަން ނިންމަވައި އެ ޕާޓީގެ ރައީސް ކަމުން އިސްތިއުފާދެއްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް