ޑޮނަލްޑް ޓްރަމްޕް --
ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމާ ގާތްވެފައިވާ ކަމަށް ބުނެ ކެނެޑާގެ ތަފާތު މުދަލުން 50 އިންސައްތައިގެ ޓެރިފެއް ނެގުމަށް ކުރި އިންޒާރު ތިން ދުވަހަށް ފަސްކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އިޢުލާނުކޮށްފިއެވެ.
ޓެރިފް ނެގުން ފެށުމަށް ކަނޑައެޅީ ބުދަ ދުވަހުގެ ދަންވަރު 12:01 ގައެވެ. ނަމަވެސް އެ ވަގުތު ޖެހެން ގާތްގަނޑަކަށް ދެ ގަޑިއިރަށް ވެފައި ވަނިކޮށް ޓްރަމްޕް އެ ނިންމުން ލަސްކުރި ކަމަށް އިޢުލާނުކުރީ ޓްރޫތް ސޯޝަލް މެދުވެރިކޮށެވެ. މި ޓެރިފް ތަންފީޒުވި ނަމަ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ ކެނެޑާ މުދަލަށް އެ ޓެކްސް ޖެހުނީހެވެ.
"އެއްބަސްވުމެއް ހެދިފައި ވާ ކަމަށް ކެނެޑާ އާއި އެމެރިކާ ޑޮކިއުމެންޓްތައް ނިމޭ ގޮތަށް ޑީލް ހެދި ވާހަކަ ބިނާކޮށް މާދަމާ ހެނދުނު ފެށެން ހަމަޖެހިފައި އޮތް ކެނެޑާގެ 50 އިންސައްތަ ޓެރިފް ތިން ދުވަހަށް މެދުކަނޑައިލައިފި!" ޓްރަމްޕް ޓްރޫތް ސޯޝަލްގައި ލިޔެފައިވެއެވެ. ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް އަދިވެސް މުހިންމު މަސައްކަތްތަކެއް ނިންމަންޖެހޭ" ކަމަށެވެ.
ޓްރަމްޕް ވެރިކަމަށް އައި ފަހުން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުމުގައި ނުތަނަވަސްކަން ބޮޑުވެފައިވާ އިރު މި ހަފުތާ ތެރޭ ޓްރަމްޕާއި ކާނީ ދެ ފަހަރެއްގެ މަތިން ފޯނުން ވާހަކަ ދައްކާފައިވެއެވެ. ޖުލައި މަހުން ފެށިގެން ދެ ފަރާތުގެ ވިޔަފާރީގެ މަންދޫބުން ބާރު ދުވެލީގައި މަޝްވަރާ ކުރަމުން އައީ އޮގަސްޓް 19 ވަނަ ދުވަހުގެ ސުންގަޑިއެއް ކަނޑައެޅި ފަހުންނެވެ.
އެމެރިކާގެ ވިޔަފާރީގެ މަންދޫބު ޖެމީސަން ގްރީއާގެ އޮފީހުން އެކްސްގައި ޕޯސްޓުކޮށްފައިވާ ގޮތުން އެ އެއްބަސްވުމުގައި "އެމެރިކާގެ ހުރިހާ މުދަލަކަށް ފުރިހަމަ މާކެޓް އެކްސެސް އިޤުތިޞާދީ ސެކިއުރިޓީ ކޮމިޓްމެންޓްތައް ޑިޖިޓަލް ޓްރޭޑް އެލައިންމެންޓް" ހިމެނޭ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން "އެމެރިކާގެ ބާޒާރާއި ދެ ޤައުމުގެ މަސައްކަތްތެރީން ހިމާޔަތްކުރާ ގިނަ މުހިންމު މާއްދާތައް" ވެސް ހިމެނޭނެ ކަމަށް އެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.
ޓެރިފް ޖަހަން ރާވާފައި އޮތީ ކެނެޑާގެ ވައިން ޑެއިރީ ސިމެންތި ފޭރާމު އަދި ހޮކީ ސާމާނު ފަދަ ތަކެއްޗަށެވެ. މީގެ ކުރިން ވެސް ކެނެޑާގެ ދެގަނޑު އެލުމިނިއަމް ވެހިކަލް އަދި ލަކުޑީގެ ބާވަތްތަކުން ޓެރިފް ނަގަން ފަށާފައިވެއެވެ. ރޮއިޓާސް ރިޕޯޓުކޮށްފައިވާ ގޮތުގައި ސުންގަޑީގެ ފަހު ވަގުތުތަކުގައި ކެނެޑާގެ ވެހިކަލްތަކުގެ ޓެރިފް 25 އިންސައްތައިން 15 އިންސައްތައަށް ތިރިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރިއެވެ. ނަމަވެސް ޓެރިފް ކުޑަކުރާނީ ކޮން ވެހިކަލްތަކަކަށް ކަމާ މެދު ދެ ފަރާތަށް އެއްބަސްވެވިފައެއް ނުވެއެވެ.
ޓްރަމްޕް ވެރިކަމަށް އައި ފަހުން ފެށި ޓެރިފް ޕްރޮގްރާމުގެ ސަބަބުން ކެނެޑާ އާއި އެމެރިކާގެ މެދުގައި ޒަމާނުއްސުރެ އޮތް މިނިވަން ވިޔަފާރީގެ ނިޒާމަށް ބޮޑެތި ލޮޅުންތައް އައިސްފައިވާ އިރު ތިން ދުވަހުގެ މެދުކެނޑުމުގެ ތެރޭގައި ދެ ޤައުމުން ފައިނަލް އެއްބަސްވުމެއް ނިންމައި ސޮއިކުރެވޭތޯ ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް