ކަޅު ބާޒާރުގައި ޑޮލަރު ވިއްކައި އިޝްތިހާރުކުރާ ފަރާތްތަކަށް ބޮޑު ޖޫރިމަނާއެއް އަންނަގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ

ރަސްމީ ރޭޓަށް ވުރެ މައްޗަށް ބޭރު ފައިސާ ގަނެވިއްކުމާއި އެކަން އިޝްތިހާރުކުރުން ޖޫރިމަނާ ކުރެވޭ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެންނަ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާލިއ...

19 Aug 2026 | 10:10
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން -- ފޮޓޯ: މަޖިލީސް

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން -- ފޮޓޯ: މަޖިލީސް

ރަސްމީ ރޭޓަށް ވުރެ މައްޗަށް ބޭރު ފައިސާ ގަނެވިއްކުމާއި އެކަން އިޝްތިހާރުކުރުން ޖޫރިމަނާ ކުރެވޭ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެންނަ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ބޭރު ފައިސާ އިން އާމްދަނީ ހޯދާ ވިޔަފާރިތަކުން ޑޮލަރު މާރުކުރުމުގެ މިންގަނޑު އުފުލުމަށް ސަރުކާރުން ހުށަހެޅި މި ބިލް އެއްވެސް ބަދަލެއް ނެތި ފާސްކުރަން ކޮމިޓީން ނިންމައި އިއްޔެ ތަޅުމަށް ފޮނުވި ރިޕޯޓު ވަނީ އަލުން ކޮމިޓީއަށް ފޮނުވައިފައެވެ. އެއާ ގުޅިގެން ބިލް އިތުރަށް ދިރާސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އިސްލާހެއް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ.

އެ އިސްލާހުގައިވާ ގޮތުން އެމްއެމްއޭ އިން ރަސްމީކޮށް ކަނޑައަޅާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މައްޗަށް އެއްވެސް ވަސީލަތެއް މެދުވެރިކޮށް ބޭރު ފައިސާ ވިއްކުމާއި ވިއްކަން މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. މި ކުށުގެ ޖޫރިމަނާ 25000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދު ކަނޑައެޅޭނެއެވެ.

މީގެ އިތުރުން ރަސްމީ ރޭޓުގެ ބޭރުން ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރުކުރުމާއި އެކަމަށް ހިތްވަރުދޭ ލިޔުންތައް ޝާއިޢުކުރުމަކީ ވެސް ކުށެއް ކަމުގައި ހިމަނާފައިވެއެވެ. އެ ކުށަށް ކަނޑައެޅެނީ 25000 ރުފިޔާ އާއި 500000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެކެވެ.

ބިލުގައި "އިޝްތިހާރުކުރުމާއި ޕްރޮމޯޓު ކުރުން" މާނަކޮށްފައި ވަނީ ޑިޖިޓަލް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެ ނޫން ވެސް ގޮތަކުން ރަސްމީ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރީގެ ރޭޓެއް ނުވަތަ އަގެއް ޢާންމުކޮށް ފެންނާނެހެން ހާމަކުރުމާއި ފެތުރުމާއި ތަކުރާރުކުރުން ކަމުގައެވެ. ފަރުދެއްގެ ބަދަލުގައި ޤާނޫނީ ޝަޚުސެއް ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއް މިފަދަ ކުށެއްގައި ޝާމިލުވާ ނަމަ ޖޫރިމަނާ 100000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދަށް އެރުމުގެ ފުރުޞަތު ބިލުގައި ހުޅުވައިލާފައިވެއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ގަނެވިއްކުމާއި ކޮމިޝަނެއް ނަގައިގެން ޑޮލަރު ގަނެވިއްކުމަކީ މިހާރު ވެސް ޤާނޫނީ ގޮތުން މަނާ ކަމެއް ނަމަވެސް މި އިސްލާހުތަކާ އެކު އެކަން ތަންފީޒުކުރުމަށް ޤާނޫނީ ގޮތުން އިތުރު ބާރު ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް