މަޖިލީހުގެ ދެވަނަ ދައުރު އަނެއްކާވެސް ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ ހަފުތާގެ ބުރާސްފައްޗާ ހަމައަށް ކުރިއަށް ގެންދިޔުމަށް 58 މެންބަރުންގެ ވޯޓުން މިއަދު ފާސްކޮށްފިއެވެ. މިއީ ދެވަނަ ދައުރުގެ ޗުއްޓީ ފަސް...

18 Aug 2026 | 10:58
މަޖިލީސް ޖަލްސްާއެއް -- ފޮޓޯ: މަޖިލީސް

މަޖިލީސް ޖަލްސްާއެއް -- ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ ހަފުތާގެ ބުރާސްފައްޗާ ހަމައަށް ކުރިއަށް ގެންދިޔުމަށް 58 މެންބަރުންގެ ވޯޓުން މިއަދު ފާސްކޮށްފިއެވެ.

މިއީ ދެވަނަ ދައުރުގެ ޗުއްޓީ ފަސްކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ދައުރު ނިމެން އޮތީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ވީ ނަމަވެސް ނުނިމި ހުރި މުހިންމު މަސައްކަތްތަކެއް ހުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު އެ ފުރަތަމަ ފަސްކުރުން ފާސްކުރީ މި ހަފުތާގެ ބުރާސްފައްޗާ ހަމައަށެވެ. މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ ތެރެއިން ނުވަ މެންބަރަކު ދެކޮޅު ހެއްދެވި އިރު އެ ނުވަ ބޭފުޅުންނަކީ މުޅިން ވެސް އިދިކޮޅު އެމްޑީޕީ މެންބަރުންނެވެ.

ވޯޓުގެ ނަތީޖާ އިޢުލާނު ކުރެއްވުމަށް ފަހު މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މެޖޯރިޓީ މެންބަރުން ރައްޔިތުންނާ އެކު ތިއްބެވި މިންވަރު ނަތީޖާއިން ހާމަވާ ކަމަށެވެ.

"ރައްޔިތުންނަށް ހިދުމަތް ކުރުމުގައި 24 ގަޑިއިރު މަސައްކަތްކުރަން ވެސް އެ ބޭފުޅުން ތިއްބެވީ ތައްޔާރަށްކަން" ޢަބްދުއްރަޙީމް ވިދާޅުވި އެވެ.

ޗުއްޓީ ފަސްކޮށްގެން ނިންމުމަށް މަޖިލީހުގެ ކުރިމަތީގައި ހުރި މަސައްކަތްތަކުގެ ތެރޭގައި ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓްރެވެލް އެޖެންޓުން އަތުން ޖީއެސްޓީ ނެގުމާ ބެހޭ ބިލަކާއި ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް ބޮޑުކުރުމުގެ ބިލެއް ހިމެނެއެވެ. މީގެ އިތުރުން ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ މަސައްކަތް ވެސް ކުރިއަށް ގެންދެއެވެ.

މި ބިލުތަކާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަކުރުމާ އެކު ޤާނޫނީ ބަދަލުތައް ގެނައުމުން ބަޖެޓަށް ހެޔޮ އަސަރު ކުރާނެ ކަމަށެވެ. ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ ބަޖެޓް ޑެފިސިޓް ކުޑަކުރެވެން އޮތީ ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ދެ މަގުން ކަމަށެވެ.

"އެއް ގޮތަކީ ދައުލަތުގެ ހަރަދު ކުޑަކުރުން. އަނެއް ގޮތަކީ އާމްދަނީ އިތުރުކުރުން. އެހެންވީމާ އާމްދަނީ އިތުުރުކުރަން ކުރެވޭ މަސައްކަތްތައް ތިޔަ ބޭފުޅުންނަށް ފެނިވަޑަައިގަންނަވާނެ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުން މިދަނީ އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމާއި އަދި ރައްޔިތުންނަށް ވީހާ ވެސް އަސަރު ކުޑަވާނެ ގޮތަށް ދައުލަތުގެ އާމްދަނީ އިތުރުކުރުން" ޒަރީރު ވިދާޅުވި އެވެ.

ޒަރީރު އިޝާރާތް ކުރެއްވީ ޓެކްސް ނިޒާމަށް ބަދަލު ގެނައުމަށް ހުށަހެޅިފައިވާ ބިލުތަކަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް