ކުންފުނިތަކަށް މި ސަރުކާރުން ނެގީ 4،938 މުވައްޒަފުން - ކުރީ ސަރުކާރުން 18053 މުވައްޒަފުން ނެގި: ޒަރީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު މަސައްކަތް ކުރަނީ 41667 މުވައްޒަފުން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަ...

18 Aug 2026 | 05:35
ޒަރީރު މަޖިލީހުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މަޖިލީސް

ޒަރީރު މަޖިލީހުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މަޖިލީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު މަސައްކަތް ކުރަނީ 41667 މުވައްޒަފުން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން ޒަރީރު ހާމަކުރެއްވި ގޮތުގައި 2019 އިން 2023 އާ ދެމެދު އެމްޑީޕީ ވެރިކަމުގައި ކުންފުނިތަކަށް 18053 މުވައްޒަފުން ވައްދާފައިވެއެވެ. އެއާ ޚިލާފަށް 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ސަރުކާރުގައި ނެގީ 4938 މުވައްޒަފުންނެވެ. މެންބަރު ކުޑޫ ސުވާލު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ވަކިކުރަނީ ކޮން އުސޫލަކުންތޯ ސާފުކުރެއްވުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މުވައްޒަފަކު ގެންގުޅޭ ސިޔާސީ ފިކުރަކާ ނުވަތަ ފާޅުކުރާ ޚިޔާލަކާ ގުޅިގެން ވަޒީފާއިން ވަކިކުރުމަކީ ސަރުކާރުން ޤަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އެ ގޮތަށް ޢަމަލުކުރުމަށް ފިނޭންސް މިނިސްޓްރީން އެއްވެސް ކުންފުންޏަކަށް އިރުޝާދެއް ދީފައި ނުވާ ކަމަށާއި ކުންފުނިތައް ދުވަހުން ދުވަހަށް ހިންގުމާ ބެހޭ ވަކި ނިންމުމެއް ވަކި ގޮތަކަށް ކުރުމަށް ވެސް އަންގާފައި ނުވާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ނަމަވެސް ކުންފުނިތަކުގެ ޚަރަދު ދެކޮޅު ޖެހޭ ގޮތެއްގައި ކުންފުނީގެ މަޤުޞަދުތައް ޙާޞިލުކުރެވޭ ފެންވަރަށް ހިންގުން ކަށަވަރުކުރެއްވުމަށް ބާރު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް ހޯއްދެވި ތަފާސް ހިސާބުތަކަށް ބައްލަވައި ޒަރީރު ފާހަގަކުރެއްވި ގޮތުގައި 2018 ވަނަ އަހަރު ކުންފުނިތަކުގައި ތިބީ 18676 މުވައްޒަފުންނެވެ. ނަމަވެސް 2019 އިން 2023 އަށް އެ ޢަދަދު 100 އިންސައްތަ މައްޗަށް ގޮސް 36729 އަށް އެރިއެވެ.

ޕަބްލިކް ސެކްޓާގައި ރާއްޖޭގެ 53 އިންސައްތަ ހިމެނޭ ކަމަށް ވިދާޅުވެ ތަރައްޤީވެފައިވާ ޤައުމުތަކެކޭ އެއްގޮތަށް އިޤުތިޞާދު ހަރުދަނާ ކުރުމަށް މުވައްޒަފުންގެ ޢަދަދު މަދުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް