އަސިޝް ބޭނަޖީ --
އިންޑިއާގެ ވެސްޓް ބެންގޯލްގެ ކުރީގެ މަޖިލީހުގެ ނައިބު ރައީސް މަރުވި ގޮތާއި މެދު ސުވާލު އުފައްދައި އޭނާ ނިސްބަތްވާ އިދިކޮޅު ޕާޓީ އޯލް އިންޑިއާ ޓްރިނަމޫލް ކޮންގްރެސް (ޓީއެމްސީ) އިން މަރު ތަހުގީގު ކުރުމަށް ގޮވާލައިފި އެވެ.
އަސިޝް ބެނަޖީ ނަމަކަށް ކިޔާ އެމީހާ މަރުވެފައި ހުރީ އޭނާ ނިސްބަތްވާ ބީރުބޫމް ޑިސްޓްރިކްޓުގައި ގެޔާ ޖެހިގެން ހުރި ޕާޓީ އޮފީހުގެ ތެރޭގައި އެވެ. މަރުވެފައި ހުއްޓަ ފެނުނު އިރު އަތުގައި ނޯޓެއް އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެއް ސޮފުހާގެ އެ ސިޓީގައި ޢުމުރުން 74 އަހަރުގެ ބެނާޖީ ބުނެފައިވަނީ އޭނާގެ މަރަށް އެއްވެސް ފަރާތެއް ޒިންމާ ނުވާ ކަމަށާއި ސިޔާސީ ދާއިރާއަށް ވަނުމަކީ ކުށެއް ކަމަށް އިޙުސާސް ކުރެވޭ ކަމަށެވެ. އޭނާ ވަނީ ޢާއިލީ މެންބަރުން ސިޔާސީ މައިދާނާ ދުރުގައި ތިބުމަށް ނަސޭހަތްތެރިވެފައެވެ.
އަދި އޭނާ ދުވަހަކުވެސް ކޮރަޕްޝަނާއި ގާތްވެފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން އޭނާ ވަނީ ޕާޓީގެ އެކި ކަންކަމުގައި އޭނާގެ ރޯލު ވަރަށް ހަނިވާނެކަމަށް ބުނެވެސް ތަފާތު ވާހަކަތައް ލިޔެފައި އެވެ.
މި މައްސަލައިގަ އޭނާ ނިސްބަތްވާ ޕާޓީން ވަނީ މަރުވި ގޮތާއި ލިޔެފައިވާ ސިޓީ އާއި މެދު ބޮޑެތި ޝައްކުތަކެއް ހުރި ކަމަށް ބުނެފައި އެވެ. އެ ޕާޓީން ގަބޫލު ކުރާ ގޮތުގައި އޭނާ އަމިއްލައަށް މަރުވާނެ ކަމަށާއި ބެލެވޭ ގޮތުގައި ބަޔަކު އޭނާ ބްލެކްމެއިލްކޮށް ބިރު ދެއްކީ ކަމަށް ބުނެފައިވެ އެވެ.
އޭނާ މަރާލުމަށް ފަހު ޕާޓީ އޮފީހަށް ލައި ސީން އެއް އުފައްދާފައިވާ ކަމަށް ބުނެފައިވެ އެވެ.
އަދި އޭނާ އަކީ އެއްވެސް ކަހަލަ ކުށެއް ކުރުމުގައި ބައިވެރިވެފައި ނުވާ މީހަކަށް ވާތީ އިތުރަށް މަރާއި މެދު ސުވާލު އުފެދޭ ކަމަށް ބުންޏެވެ. އެ ޕާޓީން ވަނީ އަސިޝްގެ މަރު އިންސާފުވެރިކަމާއި އެކު ތަހުގީގު ކުރުމަށް ގޮވާލާފައި އެވެ.
އަސިޝް އަކީ ވެސްޓް ބެންގޯލްގެ ކުރީގެ ޗީފް މިނިސްޓަރު މަމަތާ ބެނާޖީގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވި އަމީހެކެވެ. އޭނާ 2001 އިން 2026 އަށް ރާމްރުހާޓު ދާއިރާ ތަމްސީލުކުރިއިރު މި އަހަރުގެ އެސެމްބްލީ އިންތިޚާބުގައި ބީޖޭޕީގެ ދްރޫވާ ސާހާ 24,000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުން އޭނާ ބަލިކުރީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން ސްކުލް ތަޢުލީމާއި ދަނޑުވެރިކަމުގެ ވުޒާރާގެ ވަޒީރު ކަމާއި މަޖިލީހުގެ ނައިބު ރައީސްކަންވެސް އޭނާ ފުރާފައިވެއެވެ. ބެނާޖީ މަރުވެފައި މި ވަނީ 15 އަހަރު ވެރިކަން ކުރުމަށް ފަހު ޓީއެމްސީ ބަލިވެ ބީޖޭޕީ ބެންގާލްގައި ފުރަތަމަ ފަހަރަށް ސަރުކާރު އެކުލަވައިލިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް